ހިމަބިހި (މީސްލްސް) ގެ ޖުމްލަ ކޭސްތަކުގެ އަދަދު 121 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ހަފުތާގައި ހިމަބިހީގެ 55 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ. އަދި އެއާ އެކު، މި އަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 121 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް ވެސް އެޗްޕީއޭ އިން ފަށާފައިވާއިރު، މިހާތަނަށް 5،495 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެ އެޖެންސީން ބުންޏެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ގައިގައި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.
މިފަަދަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި ފަރުވާ ހޯދުމަށް ދާއިރު މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެ އިތުރުން ހިމަބިސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ.