މިދިޔަ ހަފްތާގައި އިތުރު 20 މީހަކަށް ހިމަބިހި (މީސްލްސް) ޖެހި، އެ ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 186 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ. 
ގައިންގަޔަށް އަރާ މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް، ކޮންޓެކްޓުން ހޯދާ ޓެސްޓުކުމުގެ މަސައްކަތް ކުރަމުންދާއިރު ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް އަންނަނީ މިހާރު ކުރަމުންނެވެ.
އެގޮތުން މިހާތަނަށް 12،000 ފަރާތަށް ހިމަބިހީގެ ވެކްސިން ދީފައިވާކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި ހިމަބިހި ނައްތާލާފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވަނިކޮށް، 2022ވަނަ އަހަރު އެ ބަލި ޖެހިގެން ރިޕޯޓު ކުރިއިރު ވެސް، އޭގެ ތެރޭގައި ހިމެނެނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނެވެ. ހުން އައިސް ގައިގައި ރަތް ބިހިތަކެއް ނަގާފައިވާ ނަމަ ލަސްނުކޮށް ސިއްހީ އެހީ ހޯދުމަށް ހޮސްޕިޓަލަށް ދިއުމަށާއި އަދި ހޮސްޕިޓަލަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް އެޗްޕީއޭ އިން އެދިފައިވެ އެވެ.
އަދި ހިމަބިއްސަށް ޝައްކުކުރެވިގެން ޓެސްޓް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި އަދި ބަލީގެ އަލާމާތެއް ހުރި ނަމަ ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް އެ އެޖެންސީން އިލްތިމާސްކޮށްފައިވެ އެވެ.