ޚަބަރު
ހިމަބިހި މަދެއް ނުވި، މިދިޔަ ހަފްތާގައި ވެސް 17 ކޭސް ފެނިއްޖެ
ނިމުނު ހަފުތާގައި އަނެއްކާވެސް އިތުރު 17 މީހަކު މާލެ ސަރަހައްދުން ހިމަބިއްސަށް ފައްސިވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

ހިމަބިހި އައުޓްބްރޭކާ ގުޅިގެން، ހަފްތާއަކު އެއްފަހަރު ސޯޝަލް މީޑިއާގައި އާންމުކުރަމުން އަންނަ މައުލޫމާތުގައިވާ ގޮތުން އިތުރު 17 މީހަކަށް ބަލި ޖެހި، މި އަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 243 އަށް ވަނީ އަރައިފަ އެވެ. 

އޭގެ ކުރީ ހަފުތާގައި ވެސްހިމަބިހި ޖެހުނީ 10 މީހަކަށެވެ.

ރާއްޖެއިން ހިމަބިހި ނައްތާލި ކަމަށް ޑަބްލިއުއެޗްއޯއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ފަހުން ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން ދޭތެރެ ދޭތެރެއިން އެ ބަލި ފެނެ އެވެ. އެކަމަކު މި ފަހަރު ހާލަތު ގޯސްވީ ދިވެހިންގެ ތެރޭގައި އެ ބަލި އިތުރުވާން ފެށުމުންނެވެ.

ހިމަބިހީގެ އަލާމަތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމާއި ކެއްސުމާއި ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުމެވެ. މި ބަލި ޖެހިއްޖެނަމަ ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައެވެ. އެއަށްފަހު މޭމަތި، ބުރަކަށި،އަތުގައި އަދި ފައިގައި ބިހިތައް ނަގައެވެ.

ގައިންގަޔަށް ފަސޭހައިން އަރާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކަށް، ކަނޑައެޅިފައިވާ ވެކްސިން ދޭ މަރުކަޒުތަކަށް ޒިޔާރަތްކޮށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު