
2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބޭންކުން ވަނީ ޖުމްލަ 1.7 ބިލިޔަން ޑޮލަރު ވިއްކާފަ އެވެ.ބީއެމްއެލްއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ވޭތުވި ފަސް އަހަރު ތެރޭގައި ބެންކުން ކަސްޓަމަރުންނަށް 2.7 ބިލިއަން ޑޮލަރު ވިއްކާފައިވެއެވެ. އޭގެ ތެރެއިން 1.7 ބިލިއަން ޑޯލަރު ވިއްކާފައި ވަނީ ފާއިތުވި 30 މަސް، ނުވަތަ ޖަނަވަރީ 2024އިން މި އަހަރުގެ ޖޫން މަހާ ދޭތެރޭ ކަމަށް ތަފާސްހިސާބުގައިވެއެވެ.ބީއެމްއެލްއިން ބުނި ގޮތުގައި، ވިއްކައިފައިވާ ޑޮލަރުގެ އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ދިވެހި ރުފިޔާ އެކައުންޓްތަކުން ކާޑު މެދުވެރިކޮށް ކަސްޓަމަރުން ކޮށްފައިވާ މުއާމަލާތްތަކެވެ. އެ މުއާމަލާތްތައް ވަނީ، 2021އިން 2023އާ ދެމެދާ އަޅައިބަލާއިރު، ދެގުނައަށްވުރެ ބޮޑަށް އިތުރުވެފައި ކަމަށް އެ ބެންކުން ބުންޏެވެ. އެގޮތުން އެ ދާއިރާއިން ޑޮލަރު ވިއްކި މިންވަރު 102 ޕަސެންޓް އިތުރުވި ކަމަށް ބީއެމްއެލްއިން ފާހަގަކުރިއެވެ.