މެކްއަލިސްޓާ އާޖެންޓީނާގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު މެސީ އުރާލައިގެން - ފޮޓޯ: އޭއެފްޕީ
ކުއާޓާ ފަހު ފުރަތަމަ މެޗުގައި ސްވިޒަލެންޑް 3-1 އިން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން މި ފަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.
އަނެއް ސެމީ ފައިނަލުގައި ކުޅޭނީ އެންމެ ފަހުގެ ރަނަރަޕް، ފްރާންސް އާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަން، ސްޕެއިން އެވެ. އާޖެންޓީނާއަށް މި މެޗުގައި ލިބުނު އެންމެ ބޮޑު އެހީތެރިކަމަކީ، ފުރަތަމަ ހާފުގައި އެލެކްސިސް މެކް އެލިސްޓާ ޖެހި ލަނޑަށް ސްވިޓްޒަލެންޑުން 67 ވަނަ މިނިޓްގައި ރައްދު ދީ އެއްވަރުކުރިތާ މާ ގިނައިރެއް ނުވެ ބްރީލް އެމްބޮލޯއަށް ދެއްކި ރަތް ކާޑެވެ. އެ ކާޑާ ހަމައަށް އެންމެ ގިނަ ހަމަލާ އުފައްދައި، ގޯލަށް އެންމެ ގިނަ ބޯޅަ އަމާޒުކުރީ ވެސް ސްވިސް އެވެ. ނަމަވެސް 10 ކުޅުންތެރިންނަށް މަދުވުމުން، ދުނިޔޭގެ ޗެމްޕިއަން ކައިރީގައި ޖެހުނީ އެންމެން ފަހަތަށް ފައިބާށެވެ.ފުރިހަމަ ވަގުތު ހަމަވެގެން ނުވަ މިނިޓު ދެއްކި އިރު މި ވަގުތުގެ ތެރޭގައި މެސީގެ ހަމަލާއެއް ގޯލުގެ ތިރީ ކަނާ ދިމާލުން ބޭރަށް ދިޔަ އިރު ލިސަންޑްރޯ މާޓިނޭޒް ފޮނުވާލި ހަމަލާއެއް ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.
އާޖެންޓީނާ މޮޅުވީ 112 ވަނަ މިނިޓުގައި ހޫލިއަން އަލްވަރޭޒް ޖަހައިދިން ގޯލުންނެވެ. އޭނާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިފަ އެވެ. އަދި ލީޑު ފުޅާ ކޮށް ސަޕޯޓަރުން ހަމަޖައްސާލީ 120 މިނިޓް ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ހަތަރު މިނިޓްގެ ތެރެއިން ފުރަތަމަ މިނިޓުގައި އަވަސް ކައުންޓާ އެއްގައި ލަޓައުރޯ މާޓިނޭޒް ޖަހައިދިން ގޯލުންނެވެ.