ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި، މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ފްރާންސް 2-0 ގެ ނަތީޖާއަކުން ބަލިކޮށް، ސްޕެއިން ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗުގައި ސްޕެއިނުން ދެއްކި މޮޅު ކުޅުމާއެކު، ތިންވަނަ ފަހަރަށް ތަށި އުފުލާލުމަށް ފްރާންސުން ކުރަމުން އައި އުއްމީދުތައް ވަނީ ފުނޑުފުނޑުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފްގައި ސްޕެއިން އިން ކުރިހޯދީ ޕެނަލްޓީއަކުން އޮޔަޒަބާލް ކާމިޔާބުކުރި ލަނޑުންނެވެ. ޑީނޭ ޔަމާލް އަށް ކުރި ފައުލަށް ދިން ޕެނަލްޓީ ކާމިޔާބުކޮށް، އޮޔާޒަބާލް ޖެހީ މުބާރާތުގައި އޭނާގެ ފަސްވަނަ ލަނޑެވެ. މިހާފްގައި ސްޕެއިންގެ ގޯލް ފޫއަޅުވާލަން ފްރާންސަށް އެއްވެސް ކަމެއް ނުކުރެވުނެވެ. ސްޕެއިން އިން ދެވަނަ ގޯލެއް ޖަހާ ފައިނަލްގެ ޔަގީންކަން ބޮޑުކުރީ ދެވަނަ ހާފް ފަށައިގެން 18 ވަނަ މިނިޓްގައެވެ.
ޕެޑްރޯ ޕޯރޯ ޑީއޭރިޔާ ބޭރުން އޮލްމޯ އަށް ބޯޅަ ދިނުމަށްފަހު އޭރިޔާ ތެރެއަށް ވަނުމުން ޖައްސާލި ބޯޅަ ގޯލަށް ފޮނުވާލީ ކޮންޓްރޯލް ކޮށްލުމަށްފަހު ހަމަޖެހިލާފައެވެ. ސްޕެއިންގެ ސްޓައިލްގައި ކުޅެ ޖެހި ގޯލާއެކު ފްރާންސުން ގިނަ ބަދަލުތަކެއް ގެނައި ނަމަވެސް ނަތީޖާއެއް ނުނެރެވުނެވެ. މިހާފްގައި ޔަމާލް ސްޕެއިންއަށް ތިންވަނަ ގޯލެއް ޖަހައިދިން ނަމަވެސް އޮފްސައިޑްގައި ހުރުމުން ބަލައި ނުގަތެވެ.ފްރާންސްގެ ފޯވާޑުންނަށް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނު މި މެޗުގެ ފަހު ވަގުތު އުސްމާން ޑެމްބެލޭ ފޮނުވާލި ހަމަލާތަކެއް ސްޕެއިންގެ ކީޕަރު އުނައި ސިމޮން ވަނީ ދިފާއު ކޮށްފަ އެވެ. މިއީ ފްރާންސަށް މި އަހަރުގެ ވޯލްޑް ކަޕްގައި ގޯލެއް ނުޖެހުނު ހަމައެކަނި މެޗެވެ.
މި އަހަރުގެ ފައިނަލްގައި ސްޕެއިން ނުކުންނާނީ އިންގްލެންޑާއި އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން އާޖެންޓީނާ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.