ކުޅިވަރު
ނޯވޭ ބަލިކޮށް އިންގްލެންޑު ސެމީއަށް
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާއި ނޯވޭ ކުޅުނު މެޗުގެ ތެރެއިން.
ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނޯވޭ ހިތްދަތި ގޮތަކަށް ބަލިކޮށް އިނގިރޭސި ވިލާތުން ސެމީ ފައިނަލަށް މިރޭ ދަތުރުކޮށްފި އެވެ.

މަޔާމީގެ ގަދަ ހޫނުގައި ކުޅުނު މެޗުގެ 36 ވަނަ މިނެޓުގައި އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން އަތުން ގެއްލުނު ބޯޅައެއްގައި، އަރިމަތިން އަންދްރެސް ޝެލްޑްރަޕް ފޮނުވާލި ބާރު ހަމަލާއަކުން ނޯވޭއިން ވަނީ ލީޑު ނަގައިފައެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމެން ދަނިކޮށް، އިތުރު ވަގުތުގައި އެންތަނީ ގޯޑަން ދިން ބޯޅައަކުން، އޭރިއާތެރެއިން ހަމަޖެހިލައިގެން ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖޫޑް ބެލިންހަމް ވަނީ އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން 55 ވަނަ މިނެޓުގައި ނޯވޭގެ ޓޯބްޖޯން ހެގެމް ގޯލެއް ޖެހި ނަމަވެސް، ކޯނަރު ނެގުމުގެ ކުރިން ނޯވޭގެ ފޯވާޑް އާލިން ހާލަންޑް ފައުލްކޮށްފައިވާތީ ވީއޭއާރުން ބެލުމަށްފަހު ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފައެވެ.

އޭގެފަހުން ނޯވޭގެ ކްރިސްޓޮފާ އަޔާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.

ނަތީޖާ ހަމަހަމަވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ކުޅުން ފެށިގެން ތިން މިނެޓް ތެރޭ، އިންގްލެންޑުން ވަނީ ލީޑު ނަގައިފަ އެވެ. މިއީ، އިންގްލެންޑުން މޯގަން ރޮޖާސް އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ނޯވޭގެ ކީޕަރު، އޮރްޖާން ނައިލަންޑް އަތުގައި ޖެހިފައި ނުކުތް ވަގުތު ބެލިންހަމް ގޯލަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި އިންގްލެންޑްގެ ޖެޑް ސްޕެންސް އާއި ބުކާޔޯ ސަކާ ފުލުފުލުގައި ފޮނުވާލި ހަމަލާތައް ނޯވޭގެ ކީޕަރު ވަނީ މަތަކޮށްފަ އެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި އިނގިރޭސިން ނުކުންނާނީ އާޖެންޓީނާ އާއި ސްވިޒަލެންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު