ވިޔަފާރި
ވައިގެ ދަތުރުތައް ފަށަން ރާއްޖެ އާއި އިތިއޯޕިއާ އިން އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖެއާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިއޯޕިއާއާ ދެމެދު ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން އަދި އިތިއޯޕިއާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް ޔޮއާނަސް އަބޭރާ ބެލެޓޭ ވަނީ ސޮއިކުރައްވައިފަ އެވެ. 

އެ ރަސްމިއްޔާތުގައި އަމީން ވިދާޅުވީ އިތިއޯޕިއާއަކީ އެފްރިކާ ބައްރުން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން ހެދި ހަ ވަނަ ގައުމު ކަމަށެވެ. މީގެ ކުރިން ވަނީ މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއާ އެކު ސޮއިކޮށްފަ އެވެ. 

މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމާ އެކު ރާއްޖެ އާއި އިތިއޯޕިއާއާ ދެމެދުގައި ޝެޑިއުލް ދަތުރުތައް ފެށުމަށް މަގުފަހިވާނެ ކަމަށެވެ. 

"އިތިއޯޕިއާއަކީ އެފްރިކާ ބައްރުގައި އެންމެ ހަލުވިކަމާ އެކު އިގްތިސާދު ކުރިއަރަމުން އަންނަ އެއް ގައުމު،" އަމީން ވިދާޅުވި އެވެ.

"އިތިއޯޕިއަން އެއާލައިންސްއަކީ އެފްރިކާ ބައްރުގެ އެންމެ ބޮޑު އެއާލައިން. އަދި ވައިގެ ދަތުރުފަތުރުގެ އެންމެ ފުޅާ ވިއުގައެއް ގާއިމުކޮށްފައިވާ އެއާލައިން."

މިއީ، އަމީން ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރަން މުޅި ދުނިޔެއާ ގުޅާލެވޭ ފަދަ ވައިގެ ދަތުރުފަތުރުގެ ވިއުގައެއް ގާއިމްކުރަން ކުރާ މަސައްކަތަށް އިތުރު ކުރެވުނު މުހިންމު ބޮޅެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު