ޚަބަރު
މިދިޔަ އަހަރުގެ ރެކޯޑު އަދަދާ އެއްވަރަށް މި އަހަރު ޓޫރިސްޓުން އަންނާނެ: އަމީން
ރާއްޖެ އައި ޓޫރިސްޓަކު ހުޅުމާލޭ ގޮނޑުދޮށުގައި އަރާމުކުރަނީ: - ފޮޓޯ: ދައުރު
މި އަހަރު ނިމޭއިރު މިދިޔަ އަހަރާ އެއް އަދަދަކަށް ރާއްޖެއަށް ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި "އަހާ" ފޯރަމްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން، އަމީން ވިދާޅުވީ، މިއަހަރުގެ ފެށުން ދިޔައީ މިދިޔަ އަހަރަށް ވުރެ ވެސް މާ އުއްމީދީކޮށް ކަމަށެވެ. އެގޮތުން ޖެނުއަރީ މަހު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ފަސް ޕަސެންޓް އަދި ފެބްރުއަރީ މަހު 18 ޕަސެންޓް އިތުރުވި ނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ޖެހިގެން އައި ތިން މަހު ފަތުރުވެރިން އައި މިންވަރު ވަނީ 24 ޕަސެންޓަށް ދަށަށް ގޮސްފަ އެވެ.

ނަމަވެސް، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއި އިންޑަސްޓްރީގެ މަސައްކަތުން މިހާރު އެ ދަށްވުން 1.3 ޕަސެންޓަށް ކުޑަކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ވަރަށް ބޮޑަށް ޝުކުރުވެރިކަން މުޅި އިންޑަސްޓްރީއަށް. އަދި ހާއްސަކޮށް ސަރުކާރުން ގެނައި ބަދަލުތަކާ ކުރެވުނު މަސައްކަތުން މިހާރުގެ ފޯކާސްޓަކީ އިރާދަކުރެއްވިއްޔާ، މިދިޔަ އަހަރާ ގާތްގަނޑަކަށް އަރާ ހަމަކުރެވޭނެ މިއަހަރު ނިމޭއިރު. ނޫނީ އެއަށް ވުރެ ކުޑަ ތަންކޮޅެއް ވިއްޔާ ވާނީ ރަނގަޅު،" އަމީން ވިދާޅުވި އެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 2.2 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.6 މިލިއަން ޓޫރިސްޓުން އައިސްފަ އެވެ. މިދިޔަ އަހަރާ އެއް އަދަދަކަށް ޓޫރިސްޓުން ގެނައުމަށް އޮކްޓޫބަރު މަސް ހިމެނޭހެން ކުރިއަށް ތިން މަހު ރާއްޖެއަށް ހަ ލައްކަ ޓޫރިސްޓުން އަންނަން ޖެހެ އެވެ. އެއީ ކޮންމެ މަހަކު ގާތްގަނޑަކަށް ދެ ލައްކަ ޓޫރިސްޓުންނެވެ. 

މިދިޔަ އަހަރުގެ ފަހު ތިން މަހު ރާއްޖެއަށް 603،000 ޓޫރިސްޓުން އައިސްފައިވެ އެވެ. އެހެންވެ، ކުރިއަށް އޮތް ތިން މަހު ވެސް ރާއްޖެއަށް އަންނަ ޓޫރިސްޓުން މިދިޔަ އަހަރުގެ އަދަދުތަކަށް ވުރެ އިތުރުވާން ޖެހެ އެވެ.

މިދިޔަ އަހަރުގެ ތާރީހީ ރެކޯޑާ ބެހޭ ގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެ އަހަރު 2.2 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ގެނެވުނީ ރާއްޖޭގެ އޭވިއޭޝަން ސޭފްޓީ ސްޓޭންޑާޑްތައް ހަރުދަނާކޮށް، ގިނަ އެއާލައިންތަކެއް އޮޕަރޭޓް ކުރަން ފެށުމުން ކަމަށެވެ. 

ހާއްސަކޮށް އައިކާއޯގެ އެންމެ ފަހުގެ އޮޑިޓުން ރާއްޖޭގެ އޭވިއޭޝަން ސޭފްޓީއަށް 79 ޕަސެންޓް ލިބުމާ ގުޅިގެން ޔޫރަޕުގެ ގިނަ އެއާލައިންތަކެއްގެ ދަތުރުތައް ފެށިގެން ދިޔުމަކީ އެ ރެކޯޑު ހާސިލުކުރެވުނު މައިގަނޑު ސަބަބު ކަމަށް އަމީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު