ޚަބަރު
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.7 މިލިއަނަށް
އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 1.7 މިލިއަނަށް އަރައިފި އެެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 17 ގެ ނިޔަލަށް ރާއްޖެއަށް 1,703,169 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 1,758,659 ޓޫރިސްޓުންނާ އަޅާ ބަލާއިރު %3 ދަށް އަދަދެކެވެ.

މިމަހުގެ އަދަދުތަކަށް ބަލާއިރު، މިހާތަނަށް ވަނީ ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އޮކްޓޫބަރު މަހުގެ ފުރަތަމަ 17 ދުވަސްތެރޭ ރާއްޖެއަށް 100,148 ޓޫރިސްޓުން އައިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 99،268 ޓޫރިސްޓުންނެވެ. އެހެންކަމުން ޓޫރިސްޓުންގެ އަދަދަށްވަނީ %0.5 ކުރިއެރުމެއް ލިބިފައެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ފަސް ގައުމަށް ބަލާ އިރު އެއް ވަނައިގައި އޮތީ ޗައިނާ އެވެ. އެ ގައުމުން 320،962 ޓޫރިސްޓުން އައިސްފައިވާ އިރު، ދެވަނައި އޮތް ރަޝިއާ އިން 242،491 ޓޫރިސްޓުން އަދި ތިން ވަނައިގައި އޮތް އިނގިރޭސިވިލާތުން 126،789 ޓޫރިސްޓުން އައިސްފައިވެ އެވެ.

މީގެ އިތުރުން ޖަރުމަނުން 110،184 ޓޫރިސްޓުން އައިސްފައިވާ އިރު، އިޓަލީން 102،008 ޓޫރިސްޓުން އައިސްފައިވެ އެވެ.

އަހަރުގެ މިހާތަނަށް އައި އިރު އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. އެ މަހު 247،722 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު 17.7 ޕަސެންޓްގެ ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކަށް ބަލާ އިރު، ރާއްޖެ އަށް މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5،998 ޓޫރިސްޓުން އާދެ އެވެ. އަދި އަހަރުގެ މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު އެކަނި ރާއްޖެ އަށް 8,621 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އަށް 2.2 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު