ޚަބަރު
ޓޫރިޒަމް ވިޔަފާރިވެރިންނާ ސަރުކާރުން ބައްދަލުކޮށްފި
ޓޫރިޒަމް ސިނާއަތުގެ ބައެއް ދިވެހި ވިޔަފާރިވެރިންނާ ސަރުކާރުގެ އިސް ޓިމެއް މިއަދު ބައްދަލުކޮށްފި އެވެ.

އިއްޔެ ކުރިއަށްދިޔަ މި ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރާއި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އަދި ޓެކްސް ކޮމިޝަނާ ޖެނެރަލް ފާތިމަތު އަމީޒާ ބައިވެރިވެވަޑައިގެންނެވި އެވެ. 

ޓޫރިޒަމްގެ ދާއިރާއިން އެ ދާއިރާގެ އެންމެ ތަޖުރިބާކާރު އެއް ވިޔަފާރިވެރިޔާ އަދި ކްރައުން ކުންފުނީގެ ޗެއާޕާސަން ހުސައިން އަފީފު (ޗަމްޕާ އަފީފު) އާއި ސަން ކުންފުނީގެ ވެރިޔާ އަހުމަދު ސިޔާމާއި ވިލާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ގާސިމް ފަދަ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. 

ޓޫރިޒަމް މިނިސްޓްރީން ބުނި ގޮތުގައި، މިއީ ޓޫރިޒަމް ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އަންނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒުތައް ހާސިލުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. ބައްދަލުވުމުގައި، ސިނާއަތުގެ ފަރާތްތަކުން ހުށަހެޅި ލަފާތަކުގެ މައްޗަށް ބިނާކޮށް މުހިންމު އަމާޒުތަކަކަށް އެއްބަސްވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ސަރުކާރު ދެމިއޮންނާނީ ސިނާއަތާ އެކުގައި ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ސަރުކާރުން ވަނީ އަހަރު ނިމޭއިރު ރާއްޖެ އަށް ތިން މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒެއް ކަނޑައަޅައިފަ އެވެ. އެ އަމާޒަށް ވާސިލުވުމަށްޓަކައި، އާ މާކެޓުތައް ހޯދުމާއި، ރާއްޖޭގެ ގުޅުންތައް ބަދަހިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ބައްދަލުވުމުގައި ފާހަގަކޮށްފައިވެ އެވެ.

ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާއެކު ސަރުކާރުން މަޝްވަރާތައް ފަށާފައި މިވަނީ، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް (ޓީޖީއެސްޓީ) ދާދި ފަހުން ގެނައި އިސްލާހު މުރާޖައާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން ރާއްޖެއިން ބޭރުގައި ހިންގާ ޓްރެވަލް އޭޖެންސީތަކާއި ބުކިން ޕްލެޓްފޯމުތަކުން 17 ޕަސެންޓް ޓީޖީއެސްޓީ ނެގުމަށް ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން ގެނައި ބަދަލާ ގުޅިގެން، ރިސޯޓުތަކާއި ޔޫރަޕުގެ ޓުއާ އޮޕަރޭޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު ފާސްކުރި މި އިސްލާހަށް އަމަލުކުރަން ފެށުން ފަސްކޮށްދިނުމަށް ބޭރުގެ ޓްރެވަލް އޭޖެންޓުން ވަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި އެދިފަ އެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފައިވާ ގޮތުގައި، އެ ބަދަލުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ވިއްކުމަށް ބައިނަލްއަގުވާމީ މާކެޓުގައި ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ.

މި މަހު އެއް ވަނަ ދުވަހުން ފެށިގެން ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންސީތައް އަދި އޮންލައިން ބުކިން ޕްލެޓްފޯމްތަކުން ޖީއެސްޓީ ނަގާ ގޮތަށް ހެދި އިސްލާހަށް ވަނީ އަމަލު ކުރަން ފަށައިފަ އެވެ. އެކަމަކު ދެ ދުވަސް ފަހުން، މިދިޔަ ހޮނިހިރުދުވަހު ސަރުކާރުން ވަނީ، ޓޫރިޒަމް ދާއިރާގެ ކަންބޮޑުވުންތަކާ ގުޅިގެން އެ ގާނޫނު އަލުން އިސްލާހުކުރަން ނިންމިކަން ހާމަކޮށްފަ އެވެ.

ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު، މިއަދު ރައްޔިތުންގެ މަޖިލިސް ވަނީ ފަށައިފަ އެވެ. އެކަމަކު އެ އިސްލާހުތައް އަދި ނުފޮނުވަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު