ޚަބަރު
ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފި
ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގުވަޒަންކުރައްވައި، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން ދެއްވައިފި އެވެ.

ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި މި ހިދުމަތްތެރީންނަށް ޝަރަފު އަރުވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.

މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނެވެ. މި ބޭފުޅުންނަށް މި އިނާމު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާ ގުޅިގެން، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ހޯއްދަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެ ރެކޯޑުތައް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ކޮމިޓީން ވަނީ އެ މައުލޫމާތުތައް ފުރިހަމައަށް ދިރާސާ ކުރައްވާފައެވެ. އަދި އޭގެ ފަހުން އެ ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރެއްވުމަށްފަހު، އެ ބޭފުޅުންގެ ތެރެއިން އިނާމަށް ޝަރުޠު ފުރިހަމަވި ބޭފުޅުންނަށް އިނާމު ދެއްވުމަށް ކަނޑައެޅުއްވީ އެވެ.

މިއަދު ފާހަގަކުރަމުން އަންނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ސަރުކާރުން ވަނީ ދިވެހި ދައުލަތުން ދޭ މަތިވެރި އިއްޒަތުގެ ޝަރަފު ހަތަރު ބޭފުޅަށް އަރުވައިފަ އެވެ،

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ތައުލީމީ ދާއިރާ އަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވުމުގެ ދިގު ތާރީހެއް އޮތް ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުހައްމަދު ލަތީފާއި އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނީ އިލްމު އުނގަންނައިދެއްވުމާއި ދީނީ އެކި ފޮތްފޮތް އެކުލަވައިލުމުގެ ރޮނގުން ކުރެއްވި މަސައްކަތްޕުޅަށް އިބްރާހިމް ރަޝީދު މޫސާގެ އިތުރުން ރާއްޖޭގެ ޓޫރިޒަމްގެ ބާނީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޗަމްޕާ ހުސައިން އަފީފާއި އޭނާގެ ބޭބެ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ.

އެ ހަތަރު ބޭފުޅުންނަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތުގެ ޝަރަފު އެރުވީ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް މުއިއްޒެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު