ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މިރޭ ބާއްވައިފި އެވެ.
ޖުމްހޫރީ މައިދާނުގައި ބޭއްވި ކުޅިވަރުގައި ބޮޑުބެރާއި ބޮޑެތި މީހުންގެ ސަގާފީ ނެށުންތަކާއި ސްކޫލު ކުދިންގެ ހުނަރުތައް ދައްކާލާފައި ވާއިރު ސިފައިންގެ ޕެރޭޑް ވެސް އޮތެވެ.
ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް އިހުޒަމާނުގައި ސިފައިން ކުރި މަސައްކަތްތައް މި ކުޅިވަރުތެރޭ ދައްކާލި އެވެ.
ކުޅިވަރު އައިޓަމްތަކަށް ފަހު، އިއްޒުއްދީން ފާލަމާ ދިމާލު ބޭރުން ވަނީ ފަސް މިނެޓެއްހާއިރު ވަންދެން ހަވާ އަރުވައިފަ އެވެ.މިނިވަން ދުވަހަކީ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރާ ގައުމީ ބަންދު ދުވަހެކެވެ. މި ދުވަހުގެ މުނާސަބަތުގައި ސިފައިންގެ ހެވިކަމުގެ ކުޅިވަރުތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ސަގާފީ ހަރަކާތްތައް ބާއްވަމުން ދެއެވެ.
ރާއްޖޭގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26ވަނަ ދުވަހެވެ. ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުނީ ޖުލައި 26، 1965 ގައެވެ. މިއީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި 77 އަހަރަށްވުރެ ގިނަ ދުވަހު އޮތުމަށްފަހު ލިބުނު މިނިވަންކަމެކެވެ