އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާ، އެ އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފި އެވެ.
ނަޝީދު މިއަދު ވަނީ ޗެއާޕާސަން ކަމުގެ މަސްއޫލިއްޔަތުތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ. އަދި، އިންތިހާބުގެ ވާދަވެރި ކެންޑިޑޭޓް މީކާއިލްއާ އެކު ބައްދަލުވުމެއް ބޭއްވި އެވެ. އެ ބައްދަލުވުމުގައި ނަޝީދު ވަނީ މީކާއިލް ކުރެއްވި މަސައްކަތަށް ސާބަސް ދެއްވައިފަ އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މީކާއިލް ވަނީ ވަރަށް ރަނގަޅު މަސައްކަތެއް ކުރައްވައިފަ އެވެ. އަދި ކެމްޕެއިންގައި ވަރަށް ރަނގަޅު "ފައިޓެއް" ދެއްވިކަން ވެސް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ. އެމްޑީޕީން ރޭ އާންމުކުރި ވަގުތީ ނަތީޖާއިން ދައްކާ ގޮތުން، އިންތިހާބު ކާމިޔާބުކުރެއްވި ނަޝީދަށް ލިބިވަޑައިގަތީ 21،301 ވޯޓެވެ. އެއީ ސައްހަ 30،895 ވޯޓުގެ 68.9 އިންސައްތަ އެވެ. މީކާއީލަށް 9،462 ވޯޓު ލިބިވަޑައިގެންނެވިއިރު، އެ އިންތިހާބުގައި ދެން ވާދަކުރެއްވި އިބްރާހީމް މުޙައްމަދަށް ލިބުނީ 132 ވޯޓެވެ.މިއީ އެމްޑީޕީގެ ރައީސްކަންވެސް ކުރެއްވި ނަޝީދު، އެ ޕާޓީގެ ޗެއާޕާސަންކަމާ ހަވާލުވާ ދެވަނަ ފަހަރެވެ. އެމްޑީޕީގެ ދެވަނަ ޗެއާޕާސަންކަން ކުރެއްވި ނަޝީދު އެ މަގާމުގައި އެންމެ ފުރަތަމަ ހުންނެވީ 2008ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށެވެ.