ޚަބަރު
އިބޫގެ ޓީމު ބަލިކޮށް އެމްޑީޕީގެ ޗެެއާޕާސަނަކަށް އަންނި!
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވެވަޑައިގެންފި އެވެ.

މި އިންތިހާބުގައި ނަޝީދުއާ ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް އެވެ. މިހާތަނަށް ގުނުނު ވޯޓު ފޮށިތަކުގެ ނަތީޖައަށް ބަލާއިރު ނަޝީދު އުޅުއްވަނީ ބޮޑު ތަފާތަކުން ކުރީގަ އެވެ. 

މިހާތަނަށް 95 ފޮށީގެ ނަތީޖާ ލިބިފައިވާއިރު ނަޝީދަށް 4722 ވޯޓު ވަނީ ލިބިވަޑައިގެންފަ އެވެ. މީކާއީލްއަށް އަދި ލިބިވަޑައިގަތީ 1850 ވޯޓެވެ. އެހެންކަމުން މިހާރު ވެސް 2872 ވޯޓު ކުރިން އުޅެނީ ނަޝީދެވެ. މި އިންތިހާބުގައި ބެހެއްޓީ 241 ވޯޓު ފޮށްޓެވެ. 

މިއަދު ބާއްވާ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނީ 50،176 މީހުންނަށް ލިބެ އެވެ. އޭގެ ތެރެއިން ވޯޓުލުމަށް ނުކުމެފައިވަނީ ކިހާ އަދަދެއް ކަމެއް ނޭނގެ އެވެ. 

ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާ އެކު ނަޝީދު މަސައްކަތްކުރައްވާއިރު، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުން ފެންނަނީ މީކާއީލްގެ ކެމްޕެއިނުންނެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ޗެއާޕާސަން އަކީ ޕާޓީގެ އެތެރޭގެ ކަންކަން ރާވާ އިންތިޒާމުކޮށް ބަލަހައްޓާ އެންމެ އިސް ފަރާތެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހު އެވެ.

ޗެއާޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕާޓީގެ ފަރާތުން ސަރުކާރާއި އެހެނިހެން ސިޔާސީ ފަރާތްތަކާއި މުއާމަލާތް ކުރުމާއި، އެތެރޭގެ އިންތިހާބުތައް ރާވާ އިންތިޒާމު ކުރުމާއި، ކޮންގުރެސް އާއި ގައުމީ މަޖިލީހާއި ގައުމީ ހިންގާ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓުމާއި، ޕާޓީގެ އިދާރީ ކަންކަމުގެ މަސްއޫލިއްޔަތު އުފުލުން ހިމެނެ އެވެ. 

މި އިންތިހާބަކީ ސިޔާސީ ގޮތުން އެމްޑީޕީއަށް ވަރަށް މުހިންމު އިންތިހާބެކެވެ. މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން ޕާޓީގެ އެތެރޭގައި އުފެދުނު ބޮޑެތި ޚިޔާލުތަފާތުވުންތަކާ ގުޅިގެން ރައީސް ނަޝީދު ޕާޓީން ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" އުފެއްދެވުމަށް ފަހު، އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ކުރިމަތިލައްވާ ފުރަތަމަ ބޮޑު އިންތިހާބަކީ މިއީއެވެ. ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ ރައީސް ނަޝީދުގެ އަމަލުފުޅުތަކުގެ ސަބަބުންނެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު