ޚަބަރު
ބޭރުން ފައިސާ ހޯދާނެ ގޮތް އެމްޑީޕީއަށް އެނގޭ: ނަޝީދު
ރާއްޖެއަށް ބޭރުން ފައިސާ ހޯދާނެ ގޮތް އެމްޑީޕީއަށް އެނގޭ ކަމަށާއި ސަރުކާރުން އެ ޕާޓީއާ މިކަމުގައި ވާހަކަދައްކަން އައުމަށް، އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

'ދަތިވެއްޖެ' ނަމުގައި އެމްޑީޕީން މިރޭ ކުރަމުންދާ މުޒާހަރާއަކީ، ތަކެތީގެ އަގު ބޮޑުވުމާއި، ޑޮލަރުގެ އަގު އުފުލުމާއި ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ކުރަމުންދާ މުޒާހަރާއެކެވެ. މި މުޒާހަރާގެ މަައިގަނޑު ޑިމާންޑަކީ ޑޮލަރުގެ އަގު 10 ދުވަސް ތެރޭގައި 19 ރުފިޔާއަށް ތިރިކޮށް، މަސްދުވަސް ތެރޭ 17 ރުފިޔާއަށް ތިރިކުރުމަށެވެ. 

"އަޅުގަނޑުމެން ފަރިތަ މި ފައިސާ ރާއްޖެއަށް ގެނައުން. އެހެން ނަމަވެސް މީގެއިން އެއްވެސް ކަމެއް ކުރެއްވުމެއް ނެތް،" ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު އުފުލެނީ ދެ ނޫހެއްގައި ޖަހާ ސުރުހީތަކުގެ ސަބަބުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވަމުން ނަޝީދު ވަނީ ހަގީގަތް އޮޅުވާލަން މަސައްކަތް ކުރާ ވަރަކަށް ޑޮލަރުގެ އަގު ބޮޑުވަމުންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައި އޮންނަ ޑޮލަރުގެ ރަސްމީ އެކްސްޗޭންޖު ރޭޓަކީ 15.42 ރުފިޔާ އެވެ.

ނަމަވެސް ރާއްޖޭގައި ހިންގާ މަނީ އެކްސްޗޭންޖުތަކުންނާއި ކަޅު ބާޒާރުގައި މި ހަފްތާ ފެށުނުއިރު ޑޮލަރެއް ވިއްކާ އަގު އުޅެނީ 22.10 ރުފިޔާގަ އެވެ. އަދި ޑޮލަރެއް ގަންނަ އަގު އުޅެނީ 21.85 ރުފިޔާގަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު