
ނަޝީދު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ވެރިކަމުގައި އޮތީ އިސްލާމީ ގައުމުތަކާ ދުރު ސިޔާސަތެއް ކަމަށާއި އެޕާޓީގެ ވެރިކަމުގައި އޮތީ އިޒްރޭލް ޕްރޯ ސިޔާސަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އާދިއްތަ ދުވަހު، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވުމުންނެވެ.ރައީސްގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ނަޝީދު ވިދާޅުވީ އިޒްރޭލު ސަރުކާރުގެ ލާއިންސާނީ އަަމަލުތައް ހަނދާން ނުނެތޭނެ ކަމަށާއި އިޒްރޭލަށް އެމްޑީޕީއެއް ތާއީދެއް ނުކުރާނެ ކަމަށެވެ."ކާކުތޯ އިޒްރޭލަށް ތާއިދުކުރާނީ؟ އަޅުގަނޑުމެންގެ ޓީވީތަކުން ފެންނަމުންދާ އެދާ މަންޒަރުތައް އިޒްރޭލު ސަރުކާރުގެ ލާއިންސާނީ އަަމަލުތައް ކާކުތޯ ހަނދާން ނެތޭނީ، ކާކުތޯ އިޒްރޭލަށް ތާއީދު ކުރާނީ؟ އެމްޑީޕީއެއް ނުކުރާނެ، އިޒްރޭލަށް އެމްޑީޕީއެއް ތާއީދެއް ނުކުރާނެ،" ނަޝީދު ވިދާޅުވި އެވެ.ނަޝީދު ވިދާޅުވީ އެމްޑީޕީން އަބަދުވެސް ތެދުވެ ތިބޭނީ، މިނިވަންކަމަށް ޓަކައި އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގެ އަމަލުތައް ހުރީ އިރާނުން އަވަށްޓެރި ގައުމުތަކަށް ހަމަލާދިނުމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށެވެ.