ޚަބަރު
ގައުމަށް ނިކަމެތިކަން ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސް އަޅާ ބަޔަކަށް ވާން ޖެހޭ: ރައީސް
ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު
ފިތުނަފަސާދަ އުފައްދައި ގައުމާއި ރައްޔިތުންނަށް ނިކަމެތިކަން ގެންނަ ބަޔަކަށް ނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ރައީސް އެފަދައިން ވިދާޅުވީ، ގައުމީ ދުވަހާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، ބޭރުގެ ބާރުތަކުގެ މުށުތެރެއަށް ރާއްޖެ ދިޔަ ކޮންމެ ފަހަރަކުވެސް އެކަމުގެ އަސްލަކަށް ވެފައިވަނީ ދިވެހި ގައުމަށް ހެޔޮނޭދޭ އަމިއްލަ އެދުން ބޮޑު ބަޔަކު ވީ ހިޔާނާތެވެ. އެފަދަ ހިތި ތަޖުރިބާތަކެއް އަލުން އިއާދަވިޔަނުދިނުމަށްޓަކައި މިއަދު ގަދައަޅައި އަޒުމު އާކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ގައުމުގެ ސިޔާދަތާއި މިނިވަންކަމާއި އަމިއްލަވަންތަކަން ނަގަހައްޓައި، ގައުމާއި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ ފިތުނަފަސާދަތަކަށް ހުރަސްއަޅާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟،" ރައީސް ވިދާޅުވި އެވެ. 

ގައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވަވަމުން، ރައީސް ވަނީ ކޮންމެ ދަރިއެއްގެ ހިތުގައިވެސް ގައުމީ ރޫހު އާލާކުރުމަށް އެދިވަޑައިގެންފަ އެވެ.
މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަނީ މާދަމާ ހެނދުނު ހއ. އުތީމުގަ އެވެ. 

ރާއްޖޭގައި ގައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ އައްސުލްތާނުލް ގާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އާކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް ރަބީއުލްއައްވަލް މަހުގެ އެއްވަނަ ދުވަހު އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު