ޚަބަރު
އަބްދުއްރަހީމް ވިދާޅުވެ ދެއްވީ ރައީސް މުއިއްޒަށް ސެލިއުޓް ހައްގު ސަބަބުތައް!
މި ސަރުކާރުގެ މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ކަންކަމަކީ އެ މަނިކުފާނަށް ސެލިއުޓް ހައްގުވާ މަސައްކަތްތައް ކަމަށާއި 2028 ވަނަ އަހަރު ރިޔާސީ ދެ ވަނަ ދައުރެއް ރައީސަށް ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

އއ. އުކުޅަހުގައި ރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ދައުލަތް އޮތީ މާލީ ގޮތުން ފުނޑުފުނޑުވެފައި ކަމަށާއި އޭރު އެކަން ކުރި މީހުން ތިބީ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެ ބަނގުރޫވާނެ ކަމަށް އުއްމީދުކޮށްގެން ކަމަށެވެ.

"ތިން އަހަރަށް ދާން ދިޔައިރު ބަނގުރޫޓެއް ނުވޭ، މުސާރަ ބަރާބަރަށް ދެވޭ. ކާޑުގެ ބާވަތްތައް ބަރާބަރަށް ލިބޭ. ތެޔޮ ބަރާބަރަށް ލިބޭ. އަސާސީ ހުރިހާ ހިދުމަތްތައް ބަރާބަރަށް ލިބޭ. ތަރައްގީގެ ހުރިހާ މަޝްރޫއުތަކެއް ހިނގަމުން އެބަދޭ. ދަރަނި އެބަ ދައްކާ. ލޯނެއް ނުނަގާ، ފައިސާ ޗާޕެއް ނުކުރޭ. އެހެންވީމަ ސެލިއުޓްކުރަން ޖެހެނީ ރައީސް މުއިއްޒަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެފަދަ ހުރިހާ ސަބަބަކަށްޓަކައި ރައީސް މުއިއްޒަށް 2028 ވަނަ އަހަރުގެ ވެރިކަން ދޭންޖެހޭ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމެއްގައި އަނިޔާވެރިކަން އިސް ނުކުރައްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަކީ ހަގީގަތްކަން މިއަދު ފެންނަނާނެ ކަމަށާއި މަގުތަކަކީ ރައްކާތެރިކަމާއި ހަމަޖެހުމާ އެކި ހިނގާބިނގާވެ އުޅެވޭނެ ތަންތަނަށް ވެފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީން އެއްވެސް އަމާޒެއް ނެތި "އަނެއް ދިވެހިރާއްޖެ" އަށް ކުރި ދަތުރު "ދިވެހީންގެ ރާއްޖެއަށް" އަނބުރާލައްވައި ގައުމު ހަމަމަގަށް ގެނެސްދެއްވީ ރައީސް މުއިއްޒު ކަމަށާއި އެކަން ހަޖަމު ނުވެގެން އެކި ފަހަރު އެކި ދޮގު ބޭރަށް ނެރެ އިދިކޮޅުން އެކި ވާހަކަތައް ފަތުރަމުންދާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު