އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުރެގެން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަށާއި އެ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދު ބަދަލުކުރުމަކީ ވެސް ރަނގަޅެއް ކަމަށް މި ވަގުތު ޗެއާޕާސަން ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަށް ރިޔާސީ ޓިކެޓަށް ވާދަ ނުކުރެވޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހެއް ހުށަހަޅަން އުޅޭ ކަމުގެ އަޑު ފެތުރިފައިވާތީ އެކަމާ ގުޅިގެން ނަޝީދު ދެކިވަޑައިގަންނަވަނީ ކިހިނެތްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން، ޗެއާޕާސަނަށް އިންނަ މީހަކު. އޭނާ ޗެއާޕާސަން ކަމުގައި އިނދެގެން ރިޔާސީ ރޭހަކަށް ނުކުތުމަކީ ރަނގަޅު ކަމެއްގެ ގޮތުގައެއް ނުދެކެން،" އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި އެވެ.އެފަދަ އިސްލާހަކަށް ނަޝީދު ތާއީދުކުރައްވާނެތޯ ދެވަނަ ފަހަރަށް ނޫސްވެރިން ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ "އާދެ، އަޅުގަނޑު މި ދެންނެވީ ޗެއާޕާސަންއަކަށް ހުންނަ ބޭފުޅަކު ރިޔާސީ ޓިކެޓަށް ވާދަކުރުމަކީ ރަނގަޅު ކަމެއް ނޫން،" ކަމަށެވެ.ނަޝީދު އިއުލާން ކުރެއްވި "ބޮޑު ބަދަލު"ގެ ސިޔާސަތުގައިވާ ގޮތުން ދައުލަތާއި ސަރުކާރުގެ ވެރިއަކަށް ހުންނަވާނީ ވަކި ދެ ބޭފުޅެކެވެ. އަދި އެގޮތަށް ވެރިކަމަށް ވަޑައިގަންނަވަން ފައްޔާޒާއި ނަޝީދު އެއްބަސްވެ، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ތާއިދު ކުރައްވަ އެވެ.
ނަޝީދު ވިދާޅުވެފައިވާ ގޮތުން އެ ބަދަލު އެގޮތަށް ގެނައުމަށްފަހު އެމަނިކުފާނުގެ ޝައުގުވެރިކަން ހުރީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާ ކުރެއްވުމަށެވެ. އަދި ސަރުކާރު ހިންގުމުގެ ވެރިއަކީ އެހެން ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދަން އިންތިހާބުގައި ވާދަކުރައްވާނެ ކަން ރަސްމީކޮށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ފައްޔާޒު އެކަންޏެވެ. ނަމަވެސް، ކުރީގެ ރައީސް އިބޫ އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވެ އެވެ.