ޚަބަރު
އެއާޕޯޓް މުވައްޒަފުން ސެކިއުރިޓީ ފާސް ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލައެއް
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ދީފައިވާ ހާއްސަ ސެކިއުރިޓީ ފާސް ނަހަމަ ގޮތުގައި ބޭނުން ކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ކުންފުނިން ދީފި އެވެ.

އެ ކުންފުނިން މިގޮތަށް އިންޒާރު ދީފައިވަނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނާއި ކަމާބެހޭ ފަރާތްތަކަށް އަމާޒުކޮށް ނެރުނު ހާއްސަ ސާކިއުލާއެއްގައެވެ.

އެމްއޭސީއެލް އިން ނެރުނު ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، އެއާޕޯޓް ސެކިއުރިޓީ ފާހަކީ ހަމައެކަނި ރަސްމީ ޑިއުޓީގެ ބޭނުންތަކަށް، ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަކަށް ވަނުމަށް ދޫކުރެވޭ އެއްޗެކެވެ. ނަމަވެސް، ބައެއް މުވައްޒަފުން އެއްވެސް އޮޕަރޭޝަނަލް ބޭނުމަކާ ނުލައި، ފަސިންޖަރުންގެ ފޮށިތައް ނަގާ ސަރަހައްދަށް ނުވަތަ ކަސްޓަމްސް އޭރިއާއަށް ވަދެ، ފަސިންޖަރުންނާ މުއާމަލާތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން ވައިގެ ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރައި، ކަސްޓަމްސްގެ މަސައްކަތްތަކަށް ހުރަސްއެޅޭނެ ކަމަށް އެމްއޭސީއެލް އިން ފާހަގަކުރެ އެވެ.

މުވައްޒަފުންނަށް ދީފައިވާ ސެކިއުރިޓީ ފާހަކީ ރަސްމީ ދަތުރުތަކާއި ކަނޑައެޅިފައިވާ ވަކި ސަރަހައްދުތަކަށް ރަސްމީ ބޭނުންތަކުގައި ވަނުމަށް ދޫކޮށްފައިވާ ފާހެއް ކަމަށާއި އެ ފާސް އަޅައިގެން ހުއްދަ ނެތް ސަރަހައްދުތަކަށް ވަނުމާއި އަމިއްލަ ބޭނުންތަކަށް ފަސިންޖަރުންނާ ވާހަކަ ދެއްކުމަކީ މަނާ ކަމެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

ގަވާއިދާ ހިލާފަށް އެފަދަ ގޮތަކަށް އަމަލު ކުރާ މުވައްޒަފުން އަތުން ފާސް އަތުލުމާއި ސަސްޕެންޑް ކުރުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް އެ ކުންފުނިން ވަނީ ދީފަ އެވެ.
 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު