ޚަބަރު
އަހަރުގެ ބާކީ މުއްދަތަށް ހަރަދުތައް ހަމަޖައްސަން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ
މި އަހަރުގެ ބާކީ މުއްދަތަށް ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ޓަކައި ސަޕްލިމެންޓަރީ ބަޖެޓެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އިއްޔެ ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހޭ ކަމަށެވެ. އަދި އެ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށާއި، އެ ބަޖެޓަކީ ގާތްގަނޑަކަށް ފަސް ބިލިއަނެެއްހައި ރުފިޔާގެ ބަޖެޓެއް ކަމުގައިވެސް އޭނަ ވިދާޅުވި އެވެ. 

ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅަންޖެހުނު މައިގަނޑު ސަބަބަކީ ކުރީ ސަރުކާރުން މާލީ ހިސާބުތައް ބެލެހެއްޓުމުގައި ހަދާފައިވާ ގޯސްތަކުގެ ސަބަބުން ބަޖެޓުގެ ތެރެއިން ޖާގަަ ހޯދައިގެން ކުރިން އަންދާޒާނުކުރާ ހަރަދުތަކެއް ކުރަންޖެހުން ކަމަށް ޒަމީރު ވިދާޅުވި އެވެ. 

އެގޮތުން ކުދިކުދި އަދަދުތައް ބަޖެޓުގައި ހިމަނައިގެން އެޑްވާންސް ފައިސާ ދޫކޮށް މިހާރުވެސް މަސައްކަތް ހިނގަމުންދާ މަަޝްރޫއުތަކަށް ބަޖެޓުން ޖާގަ ހޯދައިގެން މި ސަރުކާރުން ފައިސާ ދައްކަންޖެހޭ ކަމަށާއި، ނިމުނު އަހަރާއި އޭގެ ކުރީ އަހަރުތަކުގެ ބިލުތަކުގެ ތެރެއިން ފާއިތުވި އަހަރުތަކުގެ ކޭޝް ފްލޯއިން ފައިސާ ނުދައްކައި ހުރި ބިލުތަކަށް މި އަހަރު ފައިސާ ދައްކަންޖެހުނު ކަމުގައި ޒަމީރު ވިދާޅުވި އެވެ. 

"ދެން އޭގައި އަދި އަޅުގަނޑުމެންނަށް ސީދާ އަދި ކިހާ ވަރެއްގެ ސަޕްލިމެންޓްރީ ބަޖެޓެއްތޯ ކަނޑައަޅާ ނިންމާނީ ކެބިނެޓުގެ ވެސް އިތުރު ލަފާ ހޯދައި އަދި ރައީސްގެ ލަފައާ އެއްކޮށް، އޮޑިޓާ ޖެނެރަލްގެ ރިޕޯޓު ވެސް އަޅުގަނޑަށް ލިބުނީމާ،" ޒަމީރު ވިދާޅުވި އެވެ.

ފާއިތުވި އަހަރުތަކަށް ބަލާނަމަ، ކޮންމެ އަހަރަކު ވެސް ބަޖެޓަށް ވުރެ ޚަރަދުތައް ބޮޑުވެ ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހުން ފާސްކުރެއެވެ. އެގޮތުން، މިދިޔަ އަހަރު ސަރުކާރުން ވަނީ މަޖިލީހަށް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު