ޚަބަރު
އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް ސިސްޓަމް ރާއްޖެއަށް ތައާރަފްކުރަން ނިންމައިފި
ފައިސާގެ މުއާމަލާތްތަކަށް ބޭނުންކުރާ އިންޑިއާގެ ޔުނިފައިޑް ޕޭމަންޓް އިންޓަފޭސް (ޔޫޕީއައި) ރާއްޖެއަށް ތައާރަފުކުރުމުގެ މަސައްކަތްތައް ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ވަޒީރުން ދެއްވި ލަފާގެ މަތިންނެވެ.

އެގޮތުން ޔޫޕީއައި ތައާރަފްކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް ރައީސް ވަނީ ނިންމަވާފަ އެވެ. 

ރާއްޖޭގައި ޔޫޕީއައިގެ ޚިދުމަތް ދިނުމަށް ޓަކައި އެ ކަމަށް ޚާއްސަ އެމްއޯޔޫއެއްގައި މިދިޔަ އޮގަސްޓު މަހުގެ ނުވައެއްގައި ސޮއިކޮށްފައިވެއެވެ. އެ އެމްއޯޔޫގައި ސޮއިކުރީ އިކޮނޮމިކް މިނިސްޓްރީއާއި އިންޑިއާގެ ނެޗުރަލް ޕޭމަންޓް ކޯޕަރޭޝަނުންނެވެ.

އެ އެމްއޯޔޫގައި ސޮއިކުރީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އޭނާ ވަނީ، އެމްއޯޔޫގައި ސޮއިކުރެވުމަކީ ރާއްޖެއަށް މި ނިޒާމު ތައާރަފްކުރުމުގެ ފުރަތަމަ ހަރުފަތް ކަމަށާއި އުންމީދަކީ މިކަން ކާމިޔާބުވުންކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ޔޫޕީއައިގެ ފައިދާ ދިވެހި ފަތުރުވެރިކަމަށާއި، ރާއްޖޭގެ އިގްތިޞާދަށް ކުރާނެކަން ޖައިޝަންކަރު ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގައި ޔޫޕީއައި ތައާރަފްކޮށްފައި ވަނީ 2016 ވަނަ އަހަރެވެ. މި ޚިދުމަތް އިންޑިއާއިން މިއަހަރު ވަނީ ސްރީލަންކާއަށް ވެސް ތައާރަފްކޮށްފައެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު