ޚަބަރު
ދިއްދޫ އެއާޕޯޓު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފެށޭނެ: ރައީސް
ރައީސް ދިއްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުން
ހއ. ދިއްދޫގައި ތަރައްގީ ކުރާ އެއާޕޯޓްގެ އަމަލީ މަސައްކަތް މި އަހަރު ފަށައި، ދެން މިރަށަށް ވަޑައިގެންނަވާނީ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓް ހުޅުވަން ކަމަށް ރައީސް ޑރ. މުހައްްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ އުތުރުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ، މި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ތެރެއިން ކުރަންޖެހޭ ކަމެކެވެ. އެ މަނިކުފާނު ވިދާޅުވީ އެ ރަށުގައި އެއާޕޯޓު އެޅުމަށް އަމަލީ މަސައްކަތް ފެށުމަށް ޓަކައި ކަންކަން ތަރުތީބު ކުރެވިފައިވާ ކަމަށެވެ.

މި އަހަރުގެ ތެރޭގައި އެ ރަށުގެ ބިން ހިއްކުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ބާރު ސްޕީޑުގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސްވަނީ ދިއްދޫގެ ރައްޔިތުންނަށް ދެއްވައިފައެވެ. ވިދާޅުވީ ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓުގެ މަސައްކަތް ނިމި، ފުރަތަމަ ޖައްސާ ފްލައިޓުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކަމަށެވެ.

"ދެން އިރާދަ ކުރެއްވިއްޔާ އަޅުގަނޑު މި ރަށަށް އަންނާނީ އެ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުގައި އެއާޕޯޓު ހުޅުވަން. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ހީވޭ އެއާޕޯޓުން އެންމެ ފުރަތަމަ ޓިކެޓު ނަގައިގެން ވަޑައިގަންނަވާ ބޭފުޅުންގެ ގޮތުގައި އަޅުގަނޑުމެންނާ ސިޔާސީ ގޮތުން އިދިކޮޅު ބޭފުޅުން ހިމެނޭނެހެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ގައުމަށް ގެނެވޭ ތަރައްގީއެއް އަދި ރަށަށް ގެނެވޭ ތަރައްގީއަކީ ސިޔާސީ ކަމެއް ނޫން ކަަމަށެވެ. އެއީ ދުުރުރާސްތާ އަށް، ދަރިންނަށާއި، ދަރިންގެ ދަރިންގެ މުސްތަގުބަލަށް ޕްލޭން ކުރެވިގެން ކުރެވޭ ސީރިއަސް މަސައްކަތެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"އެކަމަށް ހުރިހާ ރައްޔިތުން އެއްބާރުލުން ދިނުމަކީ އަމިއްލަ ނަފްސަށްވެސް ކޮށްދެވޭ ކަމެއް، އެކަމަކީ ސިޔާސީ ކަމެއްގެ ގޮތުގައި ދެކޭ މީހުންގެ ވިސްނުން، އެއީ އަޅުގަނޑު ހިތުން ދުރުގައި ތިބެގެން ވިސްނާލާ ކޮންމެ ބޭފުޅަކަށްވެސް އެނގޭނެ ރަނގަޅު ވިސްނުމެއް ނޫން، އަޅުގަނޑު މި ކުރާ މަަސައްކަތަކީ ރަށުގެ ރައްޔިތުންނަށް ރާއްޖޭގެ ރައްޔިތުންނަށް މުހިންމު މަސައްކަތެެއް ކޮށްދިނުމަށްޓަކައި ކުރާ ވަަރަށް ސީރިއަސް މަސައްކަތްތަކެއް،". ރައީސް ވިދާޅުވެފައި ވެއެވެ.

ދިއްދޫގެ ރައްޔިތުންނަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ތަރުކާރުކޮށް ރައީސް ދެއްވިއެވެ.

މިރޭ ދިއްދޫގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ބޭއްވެވި ޖަލްސާގެ ތެރެއިންވަނީ އެ ރަށުގައި އައިޑީކާޑުގެ ހިދުމަތް ވެސް ތައާރަފުކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު