ޚަބަރު
އިހަވަންދޫގައި 200 ހައުސިން ޔުނިޓު އަޅައިދޭނަން: ރައީސް
ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ކޮންޓްރެކްޓަރުން ހޯދަން މިއަދު ކުރި އިއުލާނުގައި ހއ. އިހަވަންދުއަށް 100 ހައުސިން ޔުނިޓް އޮތް ނަމަވެސް 200އަށް އިތުރުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު އެ ރަށުގައި ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު، ހއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިހަވަންދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓް އަޅަން ބޭނުންވާ ކޮންޓްރެކްޓަރުން ހޯދަން މިހާރު އިއުލާންކޮށްފައިވާ ކަމަށެވެ. އިހަވަންދޫގައި ވަކި އަދަދަކަށް ހައުސިން ޔުނިޓް އަޅަން މީގެކުރިން ވައުދުވެވަޑައިގެންފައި ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު، މި ރަށަކީ ވެސް ބޯހިޔާވަހިކަން ބޭނުންވާ ރައްޔިތުން ދިރިއުޅެމުން އަންނަ ރަށެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާބާދީގެ ނިސްބަތުން ބޮޑު ރަށްރަށާއި، އިގުތިސާދީ ކަންކަން ބޮޑަށް ހިނގާ ރަށްރަށާއި ކުދި ރަށްރަށުގައި އަދި ތޮއްޖެހިފައި ހުރި ހުރިހާ ރަށެއްގައި ވެސް އެންމެ މުހިންމީ ގެދޮރުގެ މައްސަލަ ހައްލުކުރުން ކަމަށްވާތީ މިފަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ބަޖެޓެއް ކަމަށާއި އެ މަޝްރޫއުތައް ފަށަން މިހާރު އިއުލާންކޮށްފައިވާނެ ކަމަށެވެ.

"އެހެންވީމާ މިހާރު އިއްޔެ އެއޮތީ އިއުލާންކޮށްފައި ކޮންޓްރެކްޓަރުން ހޯދުމަށް. މި ހުރިހާ މަޝްރޫއުތަކެއް ހިންގުމަށް އަޅުގަނޑު ބަޖެޓުގައި ހިމެނިން 1500 މިލިއަން ރުފިޔާ މި މަޝްރޫއުތައް ފަށަން. ދުވަހަކު ރާއްޖޭގެ ތާރީހުގައި ގައިމުވެސް އަދި މިއަދާ ހަމައަކަށް އެއް އަހަރެއްގެ ބަޖެޓުގައެއް ހައުސިންއަށް އެކަނި ނެތް މިހާ ބޮޑު އަދަދެއް ހިމަނައިފައެއް،" ރައީސް ވިދާޅުވި އެވެ.

އިހަވަންދު އަށް 100 ހައުސިން ޔުނިޓް ކަނޑައަޅާ ގޮތަށް ކުރިން އޮތް ކަމުގައި ވިޔަސް، އެ ނިންމުން މިހާރު ބަދަލުކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށުގައި 200 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ހަވާލުކު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މިއަދު ކުރި އިއުލާނުގައި ހއ. އަތޮޅުގެ ފަސް ރަށެއްގައި ހައުސިން ޔުނިޓް އެޅުމަށް ހިމަނާފައިވެ އެވެ. އެ ގޮތުން:

  • ހއ. ހޯރަފުށި - 200

  • ހއ. އިހަވަންދޫ - 100

  • ހއ. ދިއްދޫ - 200

  • ހއ. ކެލާ - 50

  • ހއ. އުތީމު - 50

މި މަޝްރޫއުއަށް ސަރުކާރުން އެކަނި %100 ހަރަދު ކުރާ މޮޑެލްގެ އިތުރުން، މިނިސްޓްރީން %15 އީކުއިޓީ ދައްކާ ގޮތަށް ނަގާ ލޯނު އަދި ކޮންޓްރެކްޓަރުގެ ފައިސާގައި ކުރިއަށްގެންދާ މޮޑެލްގެ ދަށުން މަސައްކަތް ކުރިއަށް ގެންދަން ފުރުސަތު އޮންނާނެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް މި އަހަރުގެ ބަޖެޓްގައި 1.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. މި އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއްގެ ގޮތުގައި ސަރުކާރުން ސިފަކުރެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު