ހޯރަފުށީ ޖުވެނައިލް ހާފްވޭ ހައުސް ރައީސް ހުޅުއްވައިދެއްވައިފި
އިސްމާއިލް ރިޒާ
30 ޖެނުއަރީ 2025 - 11:08
0 comments

ހއ. ހޯރަފުށީގައި ހުރި ޖުވެނަައިލް ހާފްވޭ ހައުސް (ކުޑަކުދިންގެ ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރު) ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފި އެވެ.
ހޯރަފުށީ ހާފްވޭ ހައުސް ރައީސް ހުޅުއްވައިދެއްވީ މިހާރު ތިލަދުއްމަތީ އުތުރުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެންނެވެ.
ހާފްވޭ ހައުސް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެތަނުގެ ދިދަ ނަންގަވައިދެއްވާފަ އެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ސަލަމަތާއި ފަންނީއްޔާތާބެހޭ ވަޒީރު އަލީ އިހުސާންއާއި އެވުޒާރާގެ ދަށުން ހިންގަމުންދާ ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ހޯރަފުށި ހާފްވޭ ހައުސް އަކީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން 2022 ވަނަ އަހަރު 6.1 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.
ހޯރަފުށި ހާފްވޭ ހައުސްއަކީ އަތޮޅު ތެރޭގައި ގާއިމުކުރި ފުރަތަމަ ޖުވެނައިލް ޖަސްޓިސް ޔުނިޓެވެ. މި ހާފްވޭ ހައުސް ބަލަހައްޓާނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ޔުނިޓުންނެވެ. މިއީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމަށް ހަދާފައިވާ ތަނެކެވެ.
ކުޑަކުދިންގެ އަދުލުގެ ގާނޫނަކީ ނޮވެންބަރު 14، 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ނޮވެންބަރު 20، 2019ގައި ތަސްދީގު ކުރެއްވި ގާނޫނެކެވެ.
ކިޔުންތެރިންގެ ޝުއޫރު
އެންމެ ފަސް
އެންމެ މަގުބޫލު
Copyright © 2018 Hoara Online