ވިޔަފާރި
އެސްޓީއޯއިން ރޯދަމަހަށް ބިހާއި ފިޔައާއި އަލުވި އަދި ލުނބޯ ބާޒާރަށް ނެރެފި
ކުރިއަށް އޮތް ރޯދަމަހަށް އެސްޓީއޯ އިން ބިހާއި އަލުވި ވެސް ބާޒާރަށް ނެރެ، ވިއްކަން ފަށައިފި އެވެ.

ކޮންމެ ރޯދަ މަހަކާ ދިމާކޮށް، ބާޒާރުގައި އަގުބޮޑުވާ އާސާސީ ކާބޯތަކެތި އެތެރެކޮށް، އެސްޓީއޯއިން ވިއްކައެވެ.

އެގޮތުން، އެސްޓީއޯއިން މިއަދު ބުނީ، ރޯދައަށް ޚާއްސަކޮށް ގެނައި ފިޔައާއި ލުނބޮޔާއި ބިހުގެ އިތުރަށް އަލުވި ބާޒާރަށް ނެރެފައިވާ ކަމަށެވެ. އެތެކަތި، ރީޓެއިލްކޮށާއި ހޯލްސޭލްކޮށް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކުރިން 350 ރުފިޔާއަށް ވިއްކި ފިޔާ ބަސްތާއެއް މިހާރު އެސްޓީއޯއިން ލިބެން ހުރީ 310 ރުފިޔާއަށެވެ. އަދި، ސާދަ ރުފިޔާއަށް ފިޔާ ކިލޯއެއް އެސްޓީއޯއިން ލިބޭނެއެވެ. ބިސް ކޭހެއް މި ވަގުތު ވިއްކަނީ 320ރ. އަށް ކަމަށެވެ. އެއީ ބިހެއް 2ރ. ގެ ރޭޓުންނެވެ. އަދި އަލުވި ކިލޯއެއް 18ރ. އަށް ވިއްކާ އިރު އަލުވި ބަސްތާއެއް އެސްޓީއޯއިން ވިއްކަނީ 310ރ. އަށެވެ. 

ސަރުކާރުން ވަނީ އަސާސީ ކާބޯތަކެތީގެ ގޮތުގައި 141 މުދަލެއް ކަނޑައަޅައި ރޯދަމަހު ބާޒާރުގެ އަގުތައް ހިފަހައްޓަން ފިޔަވަޅުތަކެއް އަޅަން ނިންމާފަ އެވެ.

މީގެ ތެރޭގައި ހިމެނެނީ ގޭބިސީތަކުގައި ކެއުމަށާއި ކާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ އަސާސީ ތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 93 މުދަލާއި މޭވާ އަދި ތަރުކާރީގެ ބާވަތްތަކުން 38 މުދަލާއި ކަނޑުމަހުގެ ބާވަތްތަކުން 10 މުދަލެވެ.

އެސްޓީއޯ އިން ބުނީ ރާއްޖެއަކީ ބޭރުން އެތެރެކުރާ މުދަލަށް ބަރޯސާވާ ގައުމަކަށް ވުމާއެކު، ދުނިޔޭގެ މާކެޓަށް އަންނަ ބަދަލުތައް ދިރާސާކޮށް، ރާއްޖޭގެ ބާޒާރުގައި އުފެދޭ ޑިމާންޑާ އެއްވަރަށް މުދާ ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ދެކޭ ކަމަށެވެ. އެހެންވެ އެހެން އަހަރު ތަކެކޭ އެއްފަދައިން މިއަހަރުވެސް ރަމަޟާން މަހަށް އެސްޓީއޯއިން ވަނީ ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައްޔާރުވެފަ އެވެ. 

އެސްޓީއޯގެ މަގުސަދަކީ އުފެދޭ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތު މީހާ އުފުލަން ނުޖެހޭނެހެން އިންތިޒާމުތައް ހަމަޖެއްސުން ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު