ވިޔަފާރި
ރޯދަމަހު މުދާ އުފުލޭ ވަގުތުތައް ކަނޑައަޅައިފި
ރޯދަ މަހު މާލެ ސަރަހައްދުގައި ވިޔަފާރި ބޭނުންތަކަށް މުދާ އުފުލޭނެ ވަގުތުތަކެއް ކަނޑައަޅައިފި އެވެ.

މުދާ އުފުލުމަށް ހާއްސަ ވަގުތުތަކުގެ ގޮތުގައި އިކޮނިމިކް މިނިސްޓްރީން ކަނޑައެޅީ ހެނދުނު 9:30 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ. މިއީ ރޯދަ މަހުގެ 1 އިން 19 ވަނަ ދުވަހަށް އަދި ޝައްވާލު މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލަށް ހާއްސަ ގަޑިތަކެވެ.

އެ މުއްދަތުގައި މުދާ އުފުލުން މަނާ ވަގުތުތަކަކީ، ހެނދުނު 6:00 އިން 9:30 އަށާއި ހަވީރު 4:30 އިން ރޭގަނޑު 8:00 އަށެވެ.

ރޯދަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ބަރު އުޅަނދާއި ހުރިހާ ބާވަތެއްގެ މުދާ އުފުލާ އުޅަނދުތަކުގައި މުދާ އުފުލޭނީ ހެނދުނު 6:00 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މުދާ އުފުލުމަށް ބޭނުންކުރާ އުޅަނދުތަކާއި ބަރު އުޅަނދުތައް ދުއްވުމާއި އުފުލުން މަނާ ގަޑިތަކަކީ ހަވީރު 4:30 އިން ރޭގަނޑު 8:00 އަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މުދާ އުފުލުމަށް ހާއްސަ ވަގުތުތައް ކަނޑައެޅީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ފުލުހުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.

ރޯދަ މަހަކީ، ވިޔަފާރިތަކަށް ވެސް ބާރު ބޮޑު ދުވަސްވަރަކަށް ވުމުން އެހެން މަސްތަކާ ހިލާފަށް، މާލެ ތެރޭގައި މުދާ އުފުލާއި ވެހިކަލްތައް ވެސް އިތުރުވެ އެވެ. ވަކި ވަގުތުތަކެއް މުދާ އުފުލުމަށް ހަމަޖައްސަނީ، މަގުތަކުގެ ޓްރެފިކް ވެސް ތޮއްނުޖެހޭނެ ގޮތަކަށް ރޭވުމަށެވެ.

ކަލަންޑަރު ބުނާ ގޮތުން އަންނަ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާޗް މަހުގެ އެއް ވަނަ ދުވަހެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު