ޚަބަރު
މަސްދަޅު ބަހާ ތަންތަނަށް ބަދަލު ގެނެސް، ބެހުމުގެ މަސައްކަތް ރޭގަނޑަށް ބަދަލުކޮށްފި
ސަރުކާރުގެ ރޯދަ ހަދިޔާގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ މަސްދަޅު ކޭސް މާލެ ސަރަހައްދުގައި މިއަދު މެންދުރު ދޫކުރުން ހަމަޖެފައިވީ ނަމަވެސް، މިރެއަށް ގަޑި ބަދަލުކޮށްފި އެވެ.


އެސްޓީއޯ މެދުވެރިކޮށް މާލޭގެ ރައްޔިތުންނަށް ބަހާ މަސްދަޅު ކޭސްތައް ކުރިން ބަހަން ފަށަން އޮތީ މެންދުރު 2:30 ގަ އެވެ. އެކަމަކު އެ ވަގުތު މިހާރު ވަނީ ރޭގަނޑު 8:30 އަށް ބަދަލުކޮށްފަ އެވެ.

އެސްޓީއޯ އިން ބުނީ، މިރޭ 11:00 އާ ހަމައަށް މަސްދަޅު ކޭސް ބެހުން ކުރިއަށް ދާނެ ކަމަށެވެ.

ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ އެވެ.

މަސްދަޅު ބެހުމަށް ހަމަޖެހިފައިވާ ތަންތަން

- މިފްކޯގެ އޮފީސް ކޮމްޕައުންޑް

- ހެންވޭރު އެމްޓީސީސީ ސޯމިލް

- ވިލިމާލެ، ވެމްކޯ ސައިޓް

- ހުޅުމާލެ، އުމަރު ޒާހިރު ބިލްޑިން

- ހިޔާ ޓަވަރު 10، ޔޫތު ސެންޓަރު

މިރޭ މަސް ދަޅު ބަހަން ފަށައި 11 ޖަހާއިރު ނިންމާލާނެ އެވެ. މާދަމާ ހުކުރު ދުވަހަށް ވާތީ، މަސް ދަޅު ބެހުން ކުރިއަށް ނުގެންދާނެ އެވެ.

ހޮނިހިރު: ހެނދުނު 10:00 އިން ހަވީރު 16:00 އަށް

ރޭގަނޑު: 20:30 އިން 23:00 އަށް

އާދިއްތަ އިން ބުރާސްފަތި ދުވަހުގެ ނިޔަލަށް: މެންދުރު ފަހު 14:30 އިން 18:00 އަށް

ރޭގަނޑު 20:30 އިން 23:00 އަށް މަސްދަޅު ދޫކުރާނެ

އެސްޓީއޯ އިން ބުނީ، އިތުރު ސަރަހައްދުތަކުން މަސްދަޅު ކޭސް ދޫކުރާ ނަމަ، އެކަންކަން އިއުލާނު ކުރަމުން ދާނެ ކަމަށެވެ.

ކުރިން މާލެ އާއި ހުޅުމާލޭގައި ވެސް މަސްދަޅު ބަހަން ނިންމާފައި އޮތީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން އެތަނުގެ އިމާރާތްތަކުގަ އެވެ.

އެކަމަކު މާލޭ ސިޓީ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ރައްޔިތުންނަށް ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ މަސްދަޅު، ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ލޯކަލް ގަވަމަންޓް މިނިސްޓްރީގެ ދަށުން ކަމަށް އެސްޓީއޯ އިން މިއަދު އަންގާފައިވާ ކަމަށެެވެ.

އެސްޓީއޯ އިން ބުނީ މަސްދަޅު ކޭސް ބެހުމަށް އިތުރަށް ގާއިމް ކުރެވޭ މަރުކަޒުތަކުގެ މައުލޫމާތު ދެމުންދާނެ ކަމަށެވެ.

މަސްދަޅު ކޭސް ބަލާ އަންނައިރު ގޭބިސީގެ ކަރަންޓް ބިލްގެ އެންމެ ފަހު ތިން މަހުގެ ބިލްގެ ތެރެއިން ކަރަންޓް މީޓަރު އެންގޭނެފަދަ ލިޔުމެއް ގެންނަން ޖެހެ އެވެ. އަދި ބަލާ އަންނަ މީހާގެ އައިޑީކާޑް ގެންނަން ޖެހެ އެވެ. ދޫކުރާނީ ހަމައެކަނި ދިވެހިންނަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު