
ކޮމިޓީގެ އިއްތިފާގުން ނިންމާފައި އޮތީ ސަރުކާރުން ފޮނުވި ގޮތަށް ބިލު ފާސް ކުރުމަށެވެ. މިއަދުގެ ޖަލްސާގައިި އެއަށް ވޯޓަށް އެހުމުން އެ ބިލު ފާސްވެފައި ވަނީ 72 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ. އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާންމަހުގެ އިނާޔަތް ދެއްވަން ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އދ. ދަނގެތީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަންހެނުންގެ ކޮމެޓީތަކުގެ މެންބަރުންނަކީ، މުސާރަ ލިބޭ، ރަމަޟާން މަހުގެ އިނާޔަތް ލިބޭ، އަދި މާލީ އިދާރާތަކުގެ އެކި ސްކީމްތަކަށް ޝަރުޠު ހަމަވާ ބައެއްކަމުގައި ހެދުމަށްޓަކައި، ލާމަރުކަޒީ ޤާނޫނަށާއި، ވަޒީފާއާ ބެހޭ ޤާނޫނަށް ގެންނަން ޖެހޭ އިސްލާޙުތައް ގެންނަވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.