ޚަބަރު
ސިނގިރޭޓުގެ އަގު ހެޔޮކުރާ އިސްލާހު ތަސްދީގު ކުރައްވައިފި
ޖެނެރޭޝަނަލް ބޭން ބިލް ތަސްދީގުކުރެެއްވުން: ސިނގިރޭޓުން ނަގާ ޑިއުޓީ ވަނީ ކުޑަކުރައްވައިފައި
މި ސަރުކާރުން ސިނގިރޭޓަކުން ނަގާ ޑިއުޓީ އަށް ރުފިޔާއަށް ބޮޑުކުރުމަށް 2024 ވަނަ އަހަރު ނިންމި ނިންމުން ބަދަލުކޮށް، ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.

މި ބިލުގައި، ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ނަގާ ޑިއުޓީއަކީ ހަތަރު ރުފިޔާ ކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަދަދަކީ 30 ޕަސެންޓް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

މި އިސްލާހު ގެނައުމުގެ ކުރިން ސިނގިރޭޓް، ބިޑި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދައިފައި ހުންނަ ދުންފަތުގެ އުފެއްދުންތައް (ކޮންސިއުމަބަލްސް) އިން ޑިއުޓީގެ ގޮތުގައި 8 ރުފިޔާ އަދި އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގަމުން ދިޔައީ 50 ޕަސެންޓެވެ.

މީގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭގޮތަށްވެސް މި އިސްލާހުގައި ވަނީ ކަނޑައަޅާފަ އެވެ.

ރައީސް މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމާއެކު މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ.

މި ސަރުކާރުން ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މީގެ ކުރިން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި 2024ގައި ވޭޕް މަނާކުރުން ހިމެނެއެވެ. އަދި 2007އިން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ ހުރިހާ ކުދީންނަށް ވެސް، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި ދުންފަތް ގަނެވިއްކުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު