
އެ ބިލު ތަސްދީގު ކުރައްވައި މިއަދު ގެޒެޓު ކުރެއްވުމާއެކު އިސްލާހުތަކަށް ގާނޫނީ ބާރުވެރިކަން ލިބި ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތުގެ ގޮތުގައި 3000ރ. ލިބޭނެ އެވެ.ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު, ރޯދަ އެލަވެންސާ ޗުއްޓީތަކުގެ އިތުރުން އިޖުތިމާއީ އެކި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކި މަސައްކަތްތައް ކުރުމުގެ ގާނޫނީ ބާރު ވެސް ޑަބްލިއުޑީސީއަށް ލިބޭނެ އެވެ.އެ ބިލު ގާނޫނަކަށް ވުމާއެކު، މިއަދުން ފެށިގެން ކައުންސިލްތަކަށް ހިލޭ އެހީ (ލޯކަލް ކައުންސިލް ގްރާންޓު) ގެ ގޮތުގައި ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ މަދުވެގެން ފަސް ޕަސެންޓު ޑަބްލިއުޑީސީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރަން ހާއްސަ ކުރަން ޖެހޭނެ އެވެ.ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލެވެންސް ލިބޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.ބިލުގައި ހިމެނޭ މައިގަނޑު ކަންކަމަށް ބަލާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކުރުމާއިއެކު ކޮމިޓީޓަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެ ކޮމިޓީތަކަށް ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީނު ފަދަ ކަންކަން، ކައުންސިލްތަކުންނާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހަމަޖައްސައިދިނުމާ ގުޅޭ އުސޫލުތައް ހިމެނެ އެވެ.އަދި ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން، ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް އެ ކޮމިޓީތަކަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން، އެ ފައިސާ ދޫކުރާނެ ގޮތްތަކާއި، އެ ފަދައިން ދޫކުރާ ފައިސާ، ކޮމިޓީތަކުން ބޭނުން ކުރުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލުތައް ބަޔާންކުރުންވެސް ހިމެނެ އެވެ.މީގެ އިތުރުން، ކޮމިޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އިނާޔަތް ދިނުމުގެ އުސޫލުތައްވެސް މި ބިލުގައި ހިމެނެއެވެ. އެގޮތުން، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާންމަހުގެ ޢިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް، ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3،000ރ. ރުފިޔާ ދޭން ވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.