ޚަބަރު
ހޯރަފުށީގެ ތަރައްގީއަށް ބޭނުންވާ ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފި
ރައީސް ޑރ މުހައްމަދު މުޢިއްޒު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި ހޯރަފުށީގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. 

ހޯރަފުށީ ކައުންސިލް އިދާރާގައި ރޭ ބޭއްވި މި ބައްދަލުވުމުގައި ހޯރަފުށީ ކައުންސިލުން ވަނީ ހޯރަފުށީ އެއާޕޯޓް ބައިނަލްއަގުވާމީ ކުރުމަށާއި ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދިނުމަށް އެދިފަ އެވެ.

މި ބައްދަލުވުމުގައި ހޯރަފުށީ ކައުންސިލުން ވަނީ ރަށުގެ ހޮސްޕިޓަލްގެ މަސައްކަތް އަވަސްކޮށް ދިނުމަށާއި ރަށުގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށްވެސް އެދިފަ އެވެ.

މީގެ އިތުރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި އެ ރަށުގެ ބިން ހިއްކުމަށާއި ރަށުގެ އިހުތިސާސްގައި ހުވަންދޫ ހިމަނައިދިނުމަށް ކައުންސިލުން ވަނީ އެދުނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކައުންސިލް މެންބަރުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެވެ. 

އަދި އެ މަނިކުފާނުގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މި ބައްދަލުވުމުގައި ކައުންސިލާއި އ.ތ.މ. ކޮމިޓީއާއި މުއައްސަސާތަކުގެ އިސްވެރިން ފާޅުކުރެއްވި ކަންބޮޑުވުންތަކާގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.




ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު