ޚަބަރު
ދ. އަތޮޅު ހޮސްޕިޓަލްގެ 50 އެނދުގެ އާ އިމާރާތް އަޅަން ހަވާލުކޮށްފި
ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތެއް އަޅަން 181 މިލިއަން ރުފިޔާއަށް ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ، ދ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް ހަވާލުކޮށްފައިވަނީ 181 މިލިއަން ރުފިޔާއަށް، 540 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާ ގޮތަށް ކަމަށެވެ.

އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ގާސިމާއި އާރުޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަސްބާހް އަލީ ނަސީރެވެ.

މިނިސްްޓްރީން ބުނީ، އެ އިމާރާތުގައި 50 އެނދު ހުންނާނެ ކަމަށާއި، ކުޑަހުވަދުއަކީ އެއާޕޯޓެއް އޮންނަ ރަށަކަށްވާތީ، އެމަޖެންސީ ހާލަތްތަކުގައި ޚިދުމަތް ދެވޭނެ އިމަޖެންސީ އީއާރެއް ވެސް އެ ތަނުގައި ހަދާނެ ކަމަށެވެ.

ހަމައެއާއެކު، މެމޮގްރަފީއައި ދަތުގެ ރޭޑިއޯގްރާފް ނުވަތަ ޑެންޓަލް އޯޕީޖީއާއި ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރެއް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ހޮސްޕިޓަލްގެ މުވައްޒަފުންނަށް ތަމްރީނު ދިނުމަށް ބޭނުންވާނެ ފެސިލިޓީއެއް ވެސް ގާއިމުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ހޮސްޕިޓަލަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތް ތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިޔަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ހޮސްޕިޓަލެކެވެ.

ހޮސްޕިޓަލުގެ ބޭނުންކުރާ ހަކަތަ އަށް ކުރާ ހަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ހޮސްޕިޓަލުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މީގެއިތުރުން އަލަށް ހަދާ ހޮސްޕިޓަލްގައި:

  • ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އަޅާނެ
  • އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި ޕަވާބެކަޕް ސިސްޓަމެއް ގާއިމްކުރާނެ
  • ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕް ގާއިމްކުރާނެ
  • ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓް ގާއިމް ކުރާނެ
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދ. އަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފައިވާއިރު އެންމެ ފުރަތަމަ ވަޑައިގަތީ ކުޑަހުވަދުއަށެވެ. އަދި އެ މަނިކުފާނު ވަނީ އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފައެވެ.

އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު