
ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކުގެ ސަބްސިޑަރީ ކުންފުނީގެ ހައުސިން ޔުނިޓުތައް އިމާރާތް ކުރުމަށް ހަވާލުކުރީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ، ޗައިނާގެ މަޝްހޫރު ދެ ކުންފުންޏެއް ކަމަަށްވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ.އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގާ އެ މަޝްރޫއުތަކުގައި ފެންވަރު ރަނގަޅު ހައުސިން ޔުނިޓުތައް އިމާރާތްކޮށް، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.ބީޔޫސީޖީއާ ހަވާލުކުރީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު އިމާރާތް ކުރާށެވެ.ބީޔޫސީޖީއަކީ ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ އަދި ރާއްޖޭގައި އެކި ޕްރޮޖެކްޓްތައް މީގެ ކުރިން ވެސް ހިންގި ކުންފުންޏެކެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީ ކުރުން ފަދަ ބޮޑެތި މަޝްރޫއުތަކެއް ހިމެނެ އެވެ.ބީއެމްއެލް އިން ބުނީ، ސީއެމްއީސީއާ ހަވާލުކުރީ ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް އިމާރާތް ކުރަން ކަމަށެވެ. އެއީ ވެސް އިމާރާތް ކުރުމުގެ ފާހަގަކޮށްލެވޭ އަދި ހުޅުމާލޭގެ ވިނަރެސް ހައުސިން ޕްރޮޖެކްޓް ނިންމި ކުންފުންޏެވެ. މިހާރު ވެސް ސީއެމްއީސީން އަންނަނީ ގުޅިފަޅާއި ހުޅުމާލޭ 2ގެ އިންފްރާސްޓްރަކްޗާ މަސައްކަތް ކުރަމުންނެވެ.ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކޮމްޕެނީ މެދުވެރިކޮށް، 3000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް، އެކަމަށް ބޭނުންވާ ބިން ސަރުކާރުން ހަވާލުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގައެވެ. މި ސްކީމްގެ ދަށުން ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢު ހިންގަނީ ވިލިމާލެ އަދި ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގައެވެ. އެއީ ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ.