ޚަބަރު
ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ހާމަކޮށްދޭން ޖެހޭ: ސޯލިހު
ރޭ އެމްޑީޕީން ބޭއްވި ހަފްލާގައި ސޯލިހް ވާހަކަ ދައްކަވަނީ - ފޮޓޯ/ އެމްޑީޕީ
އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނަށް ދިން އުދުވާނީ ހަމަލާއަށް ފަހު، ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖެއަށް ދިމާވެދާނެ ދަތިތަކާ ގުޅޭ ގޮތުން ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލް ގުޅިގެން އީރާނަށް އިސްވެ ދޭން ފެށި ހަމަލާތަކާ އެކު ފެށި ހަނގުރާމަ އަދިވެސް ނިމުމަކަށް ނާދެ އެވެ.

މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދިމާވެދާނެ ދަތިތަކަށް ސަރުކާރުން ކުރަމުންދާ ކަންކަމަށް ފާޑުވިދާޅުވެ ސޯލިހް ވާހަކަ ދެއްކެވީ ރޭ އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބޭއްވި ކައުންސިލް ކެމްޕެއިން ހަފްލާފަ އެވެ.

ކޮންމެ ދުވަހަކު ވެސް ރާއްޖެއަށް 1.1 ބިލިއަނާއި ދެ ބިލިއަން ލީޓަރާ ދެމެދުގެ ތެޔޮ ބޭނުންވާނެ ކަމަށާއި ތެޔޮ ބަރާބަރަށް ލިބޭކަން ސަރުކާރުން ކަށަވަރު ކޮށްދޭން ޖެހޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އެހެންވީމާ، މި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް، އުނދަގޫތައް ރައްޔިތުންނަށް ހާމަކޮށް ދޭން އެބަޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

މިހާރު ތެޔޮ ފީފާއެއްގެ އަގު ދުނިޔޭގެ ބާޒާރުގައި ހުރީ 92 ޑޮލަރާއި 95 ޑޮލަރާ ދެމެދުގަ އެވެ. ނަމަވެސް އެ އަދަދު 150 އަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު އެދެނީ ހަނގުރާމަ ވީހާ ވެސް އަވަހަކަށް ނިމުން ކަމަށާއި ނަމަވެސް އަދި ފެންނަނީ މި ހަނގުރާމަ ދިގުލައިގެންދާތަން ކަމަށް ސޯލިހް ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެތައް ގޮންޖެހުންތަކެއް ކުރިމަތިވެ، ތަކެތީގެ އަގުތައް ވެސް ބޮޑު ވެގެންދާނެ ކަމަށެވެ. އެކަމަށް މިއަދުގެ ސަރުކާރުން ދުރާލާ ތައްތާރުވާން ވެއްޖެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އޮޅުވާލައި ދޮގު ހަދައިގެން ރައްޔިތުން އޭގެ ތެރޭ ބޭތިއްބީމާ ދެން ނުކުންނާނެ [ނުވަތަ] ކުރިމަތިވެދާނެ ދަތި އުނދަގޫ މާ ބޮޑުވާނެ،" ސޯލިހް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު