ޚަބަރު
އީރާނުގެ ސްކޫލަކަށް ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި
އެމެރިކާ އާއި އިޒްރޭލުން އީރާންގެ މަރާލި 160 އަށް ވުރެ ގިނަ ކުދިން ވަޅުލާން ވަޅުތައް ކޮނެފައި.
މިދިޔަ މަހުގެ 28 ވަނަ ދުވަހު އީރާނުގެ މީނާބްގައި ހުންނަ 'ޝަޖަރޭ ތައްޔިބާ' އަންހެން ކުދިންގެ ސްކޫލަށް އަމާޒުކޮށް ދިން ނުރައްކާތެރި ވައިގެ ހަމަލާ ދިވެހި ސަރުކާރުން މިއަދު ކުށްވެރިކޮށްފި އެވެ.

އީރާނުގެ މީނާބްގައި ހުންނަ ސްކޫލަކަށް ދިން އެ ހަމަލާއަކީ މެދުއިރުމަތީގައި މިހާރު ހިނގާ ހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަހު، އެމެރިކާ އާއި އިޒުރޭލުން ދިން ނުރައްކާތެރި ހަމަލާއެކެވެ. އެއީ އެ ހަނގުރާމައިގައި އާންމު ރައްޔިތުންނަށް އަމާޒުކޮށްދިން އެންމެ ނުރައްކާތެރި ހަމަލާ އެވެ. 

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އީރާނުގެ މީނާބްގައި ހުންނަ ޝަޖަރޭ ތައްޔިބާ ގާލްސް ސްކޫލަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު ދީފައިވާ ހަމަލާގައި 168 ކުދިން މަރުވި ހާދިސާ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.


އެއީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި އިންސާނިއްޔަތާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފު އަމަލެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށް އެ ބަޔާނުގައިވެ އެވެ. 

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، ދިވެހި ސަރުކާރުން އެކަން ކުށްވެރިކުރީ އެ ސްކޫލަށް ދިން ހަމަލާއާ ގުޅިގެން ސްވިޒަލެންޑުގެ ޖެނީވާގައި މިއަދު ބޭއްވި އދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ 61 ވަނަ ސެޝަންގެ 49 ވަނަ ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ކުއްލި ބަހުސްގަ އެވެ. 

އީރާނުގެ އެކި ސަރަހައްދުތަކުގައި އެމެރިކާ އާއި އިޒްރޭލުން ބައެއް ހޮސްޕިޓަލްތަކާއި ސްކޫލުތަކަށް ވެސް ހަމަލާ ދީފައި ވާއިރު އެ ގައުމުން ވަނީ މިއީ ހަނގުރާމައިގެ ޖަރީމާ ކަމަށާއި އެ މައްސަލަތައް ބައިނަލްއަގުވާމީ މުޖުތަމައުން ބަލަން ޖެހޭނެ ކަމަށް ބުނެފަ އެވެ. އީރާނުން ބުނީ ހަމަލާތައް ދެނީ ތަނެއްދޮރެއް ނުބަލައި ކަމަށާއި ހޮސްޕިޓަލްތަކުގެ އިތުރުން ރެޑް ކްރެސެންޓުގެ ސެންޓަރުތަކަށް ވެސް ހަމަލާ ދެމުންދާ ކަމަށެވެ. 

ތައުލީމީ މަރުކަޒަކަށް ނުވަތަ ހޮސްޕިޓަލަކަށް ނުވަތަ އެނޫން ވެސް މަދަނީ އިމާރާތަކަށް ގަސްދުގައި ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގެ ދަށުން ހަނގުރާމައިގެ ޖަރީމާ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު