މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތައް އަރާފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގައި ތެޔޮ އެކްސްޕޯޓުކުރާ ގައުމުތަކުގެ އިއްތިހާދު، އޯޕެކްއިން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ވަކިވެއްޖެ އެވެ.
ޔޫއޭއީގެ އެނާޖީ މިނިސްޓަރު ސުހައިލް މުހައްމަދު އަލް މަޒްރޫއީ ރޮއިޓާސް އަށް ވިދާޅުވެފައިވާ ގޮތުގައި އެ ނިންމުން ނިންމީ އެ ގައުމުގެ ހަކަތައިގެ ސްޓްރެޓެޖީއަށް ވަރަށް ފަރުވާތެރިކަމާ އެކު ބަލައިގެންނެވެ.
ރޮއިޓާސުން ބުނި ގޮތުގައި ޔޫއޭއީ އިން އެ ނިންމުން ނިންމީ ސައުދީ އަރަބިއްޔާގެ ލަފާ ހޯދައިގެންތޯ އެ އެޖެންސީން މަޒްރޫއީއާ ސުވާލުުކުރުމުން އޭނާ ވިދާޅުވީ އެހެން އެއްވެސް ގައުމަކުން އެކަމާ ބެހޭ ލަފައެއް ނުހޯދާ ކަމަށެވެ. ޔޫއޭއީ އަކީ އޯޕެކްގައި ހިމެނޭ އެންމެ ނުފޫޒުގަދަ އަދި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމަށް ވާއިރު، އެ ގައުމުން މި ނިންމި ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ ތެލުގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މާހިރުން ލަފާކުރެއެވެ. މިއީ ފަހުގެ ތާރީހެއްގައި އޯޕެކްގެ އެއްބައިވަންތަކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.އޯޕެކްގައި ހިމެނޭ ގަލްފުގެ ގައުމުތަކުން މިހާރުވެސް ދަނީ ހޮރްމޫޒް ކަނޑުއޮޅިން ތެޔޮ ބޭރުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. އިރާނާއި އޮމާންއާ ދެމެދު އޮންނަ މި ހަނި ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ސާފުނުކުރާ ތެލާއި ގުދުރަތީ ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މައި މަގަށް ވާއިރު، އިރާނުން ދެމުންދާ އިންޒާރުތަކާއި އުޅަނދުފަހަރަށް ދޭ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތީ މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.އޯޕެކުން ޔޫއޭއީ ވަކިވުމަކީ ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ސިފަކުރައްވައި އެމްއެސްޓީ ފައިނޭންޝަލްގެ އެނާޖީ ރިސާޗްގެ ހެޑް ސޯލް ކަވޮނިކް ވިދާޅުވީ މިއީ "އޯޕެކްގެ ނިމުމުގެ ފެށުން" ކަމަށެވެ."ޔޫއޭއީ އޯޕެކް ދޫކޮށްލުމުން އޯޕެކްގެ ކެޕޭސިޓީގެ ގާތްގަނޑަކަށް %15 ގެއްލި، އެންމެ ވަފާތެރި އެއް މެމްބަރު ވެސް ގެއްލިގެންދާނެ." އޭނާ ވިދާޅުވިއެވެ.ޔޫއޭއީން މިގޮތަށް ނިންމީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރެކޯޑް ކުރެވިފައިވާ ތެލުގެ ސަޕްލައިއަށް ފާއިތުވެދިޔަ އަހަރުތަކުގައިވެސް ނުލިބޭ ވަރުގެ ގެއްލުމެއް ލިބިފައިވާ ކަަމަށް، ވޯލްޑް ބޭންކުންވެސް ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.އޯޕެކް އުފެއްދީ 1960 ވަނަ އަހަރު އީރާން، އިރާގު، ކުވޭތު ސައުދީ އަރަބިއްޔާ އަދި ވެނެޒުއެލާއިން ގުޅިގެންނެވެ. އެ ކުންފުނީގެ އަމާޒަކީ މެމްބަރު ގައުމުތަކަށް އެއްވަރެއްގެ އާމްދަނީއެއް ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމެވެ. ޔޫއޭއީ ވަކިވުމުން އޯޕެކްގެ މެމްބަރު ގައުމުތަކުގެ އަދަދު 11 އަށް މަދުވާނެ އެވެ.