ޚަބަރު
ރާއްޖެއަށް ތެޔޮ ގަތުމަށް އޭޑީބީން 50 މިލިއަން ޑޮލަރުގެ ލޯން ދޭ އެއްބަސްވުމުގައި ސޮއިކޮށްފި
ތެލުގެ އަގުބޮޑުވެ، ދައުލަތުގެ ބަޖެޓަށް ލުޔެއް ހޯދައިދިނުމަށް، ސަރުކާރާއި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)އާ ދެމެދު 50 މިލިޔަން ޑޮލަރު (772.5 މިލިއަން ރުފިޔާ)ގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. 

މި އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު

  • އެސްޓީއޯގެ ފަރާތުން ސީއީއޯ ޝިމާދު އިބްރާހީމް

  • އޭޑީބީގެ ފަރާތުން އެ ބޭންކުގެ ރީޖަނަލް ހެޑް، ޑރ. ތިއަމް ހީ އަންގް


މި ލޯނު އެހީގެ ދަށުން ހިންގާ މަޝްރޫއަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާތީ، އެކަމަށް އިޖާބަދިނުމުގައި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

އޭޑީބީން ކުރިން ބުނެފައިވާ ގޮތުގައި، އެ ލޯނު ދެނީ ތެލުގެ އިމްޕޯޓަށް އެހީތެރިވެދީ، ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހިންގާ އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންޓް ޕްރޮޖެކްޓްގެ ދަށުން ކަމަށެވެ.

އޭޑީބީން މި ލޯނު ދިންއިރު، ވޯލްޑް ބޭންކުން ވެސް ވަނީ އެ ބޭންކުން ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ ފައިސާގެ ތެރެއިން 40 މިލިއަން ޑޮލަރުގެ ލޯނެއް ތެޔޮ އެތެރެކުރުމަށް މިދިޔަ މޭ މަހު ހަމަޖައްސައިދީފަ އެވެ. މިއާ އެކު، ތެލުގެ ސަޕްލައި އާއި ގުޅުންހުރި ހިދުމަތްތައް ދެމެހެއްޓުމަށް އެ ދެ ބޭންކު ގުޅިގެން ދޭ އެހީގެ ޖުމްލަ އަދަދު ވަނީ 90 މިލިއަން ޑޮލަރަށް އަރާފަ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު