ހޯރަފުށީ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ އަހަރުތަކެއް!
އިސްމާއިލް ރިޒާ
26 އޯގަސްޓް 2026 - 11:21
0 comments
ފެނަކަ ހޯރަފުށީ ބްރާންޗްގެ އާ އޮފީސް އިމާރާތް - ފޮޓޯ: ހޯރަ އޮންލައިން
ފެނަކަ ކޯޕަރޭޝަން އިން 03 ސެޕްޓެމްބަރ 2021 ގައި ހއ. ހޯރަފުށީގައި ބިންގާ އެޅި ހޯރަފުށީ ފެނަކަ ބްރާންޗްގެ އޮފީސް އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ އަހަރު ތަކެއް ވެއްޖެ އެވެ.
ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވި ފަހުން މި އޮފީސް އިމާރާތުގެ މަސައްކަތުގައި އުޅުނު ގިނަ މުއައްޒަފުންތަކެއް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އަދި މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށް ފަހު ހޯރަފުށީ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ވިސްނުން ގެން ގުޅޭތަނެއް ވެސް ނުފެނެ އެވެ. ހޯރަފުށީ ބަދަރުމަތިން ފެނަކައަށް ދޫކޮށްފައިވާ ބިމުގައި ކުރަން ފެށި ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތުމާއި ގުޅިގެން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު އަސްފާމް "ހޯރަ" އަށް މިއަދު ވިދާޅުވީ މި މަސައްކަތް ކުރިން ކުރަމުން އައީ ރަށުން މުއައްޒަފުން ނަގައިގެން ކަމަށާއި މިހާރު އެ މުވައްޒަފުން ވެސް ފެނަކައިގެ ވަޒީފާ ތަކުން ވަކިކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން އެތަނުގެ މަސައްކަތަށް އޮތީ ހުއްޓިފައި ކަމަށެވެ.ހޯރަފުށީ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތުމުން އެކަމާއި ފެނަކަ އަށް ސުވާލު ކުރުމުން ބުނީ "ފަހުން" ޖަވާބެއް ދޭނެ ކަމަށެވެ. ފެނަކައިން ކުރިން ބުނެފައިވަނީ މި އިމާރާތް ނިމުމުން އެރަށުގައި ކުރިން ހިންގަމުން އައި އޮފީސް އިމާރާތް އާ އިމާރާތަށް ބަދަލުކުރެވިގެން ދާނެ ކަމަށެވެ. މި އިމާރާތް އެޅުމުން ހުރިހާ ހިދުމަތެއް ފުރިހަމަ ކަމާއި އެކު ރައްޔިތުންނަށް ދެވިގެން ދާނެ ކަމަށާއި މިއީ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަ ތަނަކަށް ވެގެން ދާނެ ކަމަށްވެސް ފެނަކައިން ބުންޏެވެ.
އަދި މި އާ އިމާރާތަކީ ފެންވަރުގެ ގޮތުން ބެލިކަމުގައިވިއަސް ރަނގަޅު އިމާރާތަކަށް ވެގެން ދާނެކަމަށް ފެނަކައިން ބުނެ އެވެ.ހޯރަފުށީ ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ހުއްޓިފައި އޮތް އިރު ހޯރަފުށީ ކައުންސިލާ ފެނަކާއާއި ދެމެދު އެއްބަސްވުން އޮތް ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ހަދަމުން އަންނަ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ވެސް އޮތީ "ހުއްޓިފަ" އެވެ.ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދެނީ ފެނަކައިންނެވެ. އެކަމަކު ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ މައްސަލަ ބޮޑު -ކޮރަޕްޝަންގެ އަމަލުތައް ގިނަ ކުންފުންޏަކީ ވެސް ފެނަކަ އެވެ.
ކިޔުންތެރިންގެ ޝުއޫރު