ޔޫނުސް އިބްރާހިމް
12 ސެޕްޓެމްބަރ 2026 - 14:26
0 comments
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓަކީ ހުއްދަ ނެތި ރާއްޖޭގެ ސަރަހައްދަށް ވަދެގެން އުޅުނު ދެ އުޅަނދެއް ކަމަށް ބުނާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ހިދުމަތްތަކުގެ ކަންކަން ބަލަން އޮންނަ 241 ކޮމިޓީއަށް ހުށަހަޅައިފި އެވެ.
ސިނަމާލެ ބްރިޖު ބަލަހައްޓާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)ގެ މަސައްކަތްތެރިން، މި ހާދިސާ ހިނގި ފަހުން، ރެއިން ފެށިގެން އަންނަނީ ބްރިޖަށް ލިބިފައިވާ ގެއްލުންތައް ބަލަމުންކަން ވަނީ އެނގިފަ އެވެ.
މާލެ ކައިރިން ރޭ އޮޔާދިޔައީ މޯލްޑިވްސް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓު ކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފަ އެވެ.މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ކަމާ ބެހޭ އިދާރާތައް 241 ކޮމިޓީއަށް ހާޒިރުކޮށް، ކަން ހިނގި ގޮތް ސާފުކޮށްދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވައިފަ އެވެ.އެގޮތުން، އިދާރާތަކުގެ ފަރާތުން ސާފުކުރުމަށް މެންބަރު މުހައްމަދު އިބްރާހީމް އެދިވަޑައިގެންނެވި ކަންކަމަކީ:- މިދިޔަ 26 އޭޕްރީލްގައި ރާއްޖެ ސަރަހައްދަށް ހުއްދަ ނެތި ދެ ބޯޓު ވަން ކަން އެނގުނީ ހަފުތާއެއް ފަހުން ކަމަށް ވާތީ، މި ހާލަތަށް ދާން މެދުވެރިވި ސަބަބާއި އެ ކަމުގައި އިހުމާލުވި ފަރާތްތަކަކީ ކޮބައިކަން
- އެ ދެ ބޯޓުގައި ތިބި ފަޅުވެރިން ހާލުގައި ތިބިތާ ފަސް މަސްދުވަސްވީކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވާއިރު އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދައިދެވިފައި ނުވަނީ ކީއްވެގެންކަން
- މާލޭގެ ބަނދަރު ސަރަހައްދުގައި މި ދެ އުޅަނދު އަޅާފައި އޮތް މުއްދަތުގައި އުޅަނދުތަކުގެ ސަލާމަތީ އަދި ފަންނީ ހާލަތު ވަޒަންކުރުމަށް ކަމާ ގުޅުން ހުރި އިދާރާތަކުން އެއްވެސް މަސައްކަތެއް ކޮށްފައިވޭތޯ
- ސިނަމާލެ ބްރިޖަކީ އިންޝުއާކޮށްފައިވާ ތަނެއްތޯ އާއި މި ހާދިސާގައި ލިބުނު ގެއްލުންތަކުގެ ބަދަލު ހޯދުމަށް އިންތިޒާމުތައް ހަމަޖެހިފައިވާ މިންވަރު
"މި ހާދިސާއަކީ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުގެ މެދުގައި ވިލަރެސްކުރުމުގެ މައްސަލަތަކާއި ގައުމީ ސަލާމަތާއި ބެލެހެއްޓުމުގެ ނިޒާމުގައި ހުރި ބޮޑެތި ބާގަނޑުތައް ހާމަވެގެން ދިޔަ ކަމަކަށް ވާތީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ ތެރެއިން މި ކަންކަން ބައްލަވައި އަޅަން ޖެހޭ އަވަސް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެދި ދަންނަވަމެވެ،" މެންބަރުގެ ސިޓީގައިވެ އެވެ.ނަމަވެސް، ކަސްޓަމްސް އިން މި ދެ ބޯޓާ ގުޅޭ އެއްވެސް ވާހަކައެއް އަދި ނުދައްކަ އެވެ. ކަސްޓަމްސްގެ ބެލުމުގެ ދަށަށް ދެ ބޯޓު ގެންދިޔަ ސަބަބެއް ވެސް އެހެންވެ ނޭނގެ އެވެ.