ޚަބަރު
ވެރިކަން ހޯދުމަށްޓަކައި އިތުބާރު އިތުރަށް ހޯދަންޖެހޭ: ސޯލިހު
އިދިކޮޅު އެމްޑީޕީން ވެރިކަން ހޯދުމަށްޓަކައި ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދަން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ސޯލިހު ވިދާޅުވީ  އެމްޑީޕީން ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދުމުގެ މަސައްކަތް ފުރަތަމަ ކަމަކަށް ފަށަން ޖެހޭނީ ޕާޓީގެ އެތެރެއިން ކަމަށެވެ. 

"ދަންނަވަންތޯ އެއްވެސް ފަރުދަކު މި ޕާޓީއަށްވުރެ ބޮޑެއް ނުވާނެ. އަދި އެއްވެސް ޕާޓީއެއް މި ގައުމަށްވުރެ ބޮޑެއް ނުވާނެ. އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީން ވެރިކަން ހޯދުމަށްޓަކައި ކުރަންވީ ކަމަކީ ދިވެހި ރައްޔިތުންގެ އިތުބާރު އިތުރަށް ހޯދަންވީ. އެ އިތުބާރު ހޯދަން ބޭނުންނަމަ އަޅުގަނޑުމެން މަސައްކަތް ފަށަންވާނީ ޕާޓީގެ އެތެރެއިން،" ސޯލިހު ވިދާޅުވި އެވެ. 

ސޯލިހު ވިދާޅުވީ އެމްޑީޕީން ފޮރިން އިންވެސްޓްމެންޓާއި ދެކޮޅު ނުހަދާ ކަމަށާއި އަދި ރެޒިޑެންސް ވިސާ ވެސް އުސޫލުތަކުގެ މަތިން ދިނުމަކީ އެމްޑީޕީ ނުރުހޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ރަސްމާލެ މަޝްރޫއުގައި ނޭނގޭ ކަންތައްތަކެއް އެބައޮތް ކަމަށާއި މި ކޮންގްރެސް އިން މި ސަރުކާރަށާއި ޔޫއޭއީގެ ކުންފުންޏަށް މައުލޫމާތުތައް ހާމަކުރަން ގޮވާލަންޖެހޭނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"ސިއްރު އެއްބަސްވުމެއްގެ ދަށުން ހިނގާ އެއްވެސް ކަމަކަށް އަޅުގަނޑުމެން އާ އެނކޭ ބުނެގެން ނުވާނެ. އަދި އެފަދަ މަސައްކަތެއް އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރިއަށް ގެންދިޔުމަށް ޖާގަވެސް ދީގެން ނުވާނެ،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވީ މިކުރާ މަސައްކަތަކީ ރަނގަޅު ކަމެއް ކަމަށް ދެއްކުމަށްޓަކާ ކުރީ ސަރުކާރުގައި ކޮށްފައި ހުރި ބައެއް ކަންކަމުގެ ވާހަކަތައް މި ސަރުކާރުގެ ބޭފުޅުން ދައްކަވަމުންދާ ކަމަށެވެ. އެގޮތުން ވ. އަތޮޅު ފޮއްތެޔޮފަޅު ހިލޭ ދިން ވާހަކައެއް ދައްކަމުންދާ ކަމަށާއި އެ އެއްބަސްވުމުގެ ދަށުން ސަރުކާރަށް 43 މިލިއަން ޑޮލަރު ވަދެފައިވާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި ނ. އަތޮޅުން ފަޅެއް ދޫކުރީ އެޑްވާންސަށް 27 މިލިއަން ޑޮލަރު ސަރުކާރަށް ހޯދުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ.

ތަރައްގީ މިންކުރަން ވާނީ ކިހާ ބިޔަ މަޝްރޫއުތަކަކުންތޯ ބަލައިގެން ނުވާނެ ކަމަށާއި ބަލަން ޖެހޭނީ އެ ޕްރޮޖެކްޓަކުން ރައްޔިތުންނަށްވާ ފައިދާ އާއި ގައުމަށްވާ ގޮތެއް ކަމަށްވެސް ސޯލިހު ވިދާޅުވި އެވެ.

ރަސްމާލޭގެ މަޝްރޫއުގެ އެއްބަސްވުމަށް އިބޫ ފާޑުވިދާޅުވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ އެއްބަސްވުމުގެ މައުލޫމާތުތައް ވީއެންމެ އަވަހަކަށް ހާމަކުރަން ގޮވާލައްވައިފަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ދެން އުފެދޭ ސަރުކާރެއްގައި އެ އެއްބަސްވުން އުވާލުމަށް ގޮވާލައްވައިފަ އެވެ. 


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު