ޔޫނުސް އިބްރާހިމް
18 އޮކްޓޫބަރ 2026 - 14:14
0 comments
އާއިލާ އާއި އަވަށްޓެރިންނަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ އެތައް އުނދަގުލެއް ކޮށްފައިވާ އަހްމަދު ފައިރިޝްގެ މައްސަލައިގައި އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ޔަގީންވުމުން މުހައްމަދު ސައީދު އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައްވައިފި އެވެ. 
ސައީދު އޭނާގެ ހަޅުތާލު އިއްޔެ ހެނދުނު ފެއްޓެވީ، އޭނާ ދިރިއުޅުއްވާ ސަރަހައްދުގައި އުޅޭ އަހުމަދު ފާރިޝް ކިޔާ މީހެއްގެ އުނދަގޫ ބޮޑުވެގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި، މަގު ހިނގާ މީހުންނަށް ހަޑިހުތުރު ބަހުން ހަޅޭއްލެވުމާއި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ހުރަސް އެޅުމާއި އެ ސަރަހައްދުގެ ބައެއް ގެތަކަށް ކުނި އެޅުން ފަދަ ކަންކަން، މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ފާރިޝް ވަނީ ކޮށްފަ އެވެ.އެ ތުހުމަތުތަކުގައި އެ މީހާ އިއްޔެ ފުލުހުން ހައްޔަރުކުރި ނަމަވެސް ސައީދު ވަނީ އޭނާގެ ހަޅުތާލަށް ބަދަލެއް ނުގެންނަވައި މަޖީދީމަގުގެ ދުވާރުމަތީގައި ގިނަ ވަގުތުތަކެއް ހޭދަ ކުރައްވާފަ އެވެ.އެކަމަކު އޭނާ ވަނީ، 35 ގަޑިއިރަށް ފަހު އެ ހަޅުތާލު ނިންމަވާލެއްވިކަން މިއަދު އިއުލާން ކުރައްވާފަ އެވެ. އެއާ އެކު ބަތްތައްޓެއް ފަރިއްކުޅުއްވަން އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި އެވެ.ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ ސައީދު ފޭސްބުކްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 35 ގަޑިއިރަށް ފަހު، އޭނާގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލީ މި މައްސަލައިގައި ކުރިއަށް އޮތް ތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ކަމާބެހޭ އިދާރާތަކުން ދީފައި ވާތީ ކަމަށެވެ.
"ހޯމް މިނިސްޓަރު އަލީ އިހުސާން އަމިއްލަފުޅަށް ވެވަޑައިގެންނެވި ވައުދަށް ޝުކުރު އަދާކުރަން. މި ވެވަޑައިގެންނެވި ވައުދުތައް ފުރިހަމައަށް އަމަލީ ސިފައެއް އަންނަކަން ކަށަވަރުކުރުމަށް އަހަރެން މިކަންކަން ފާރަވެރިކަމާ އެކު ބަލަމުންދާނަން،" ސައީދު ވިދާޅުވި އެވެ.
މި ހަޅުތާލުގެ ވަގުތު ސާބިތުކަމާ އެކު ކައިރީގައި ތިބި އާއިލާ އާއި އެހެން އެންމެންނަށް ޝުކުރު އަދާކޮށް ސައީދު ވިދާޅުވީ މި މައްސަލަ އާންމުންގެ ސަމާލުކަމަށް ގެނައުމުގައި އެހީތެރިވެދިން މީޑިއާތަކަށާއި ސޯޝަލް މީޑިއާ ޓީމުތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.