ޚަބަރު
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މަގާމުން ވަކިކޮށްފި
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު -- ފައިލް ފޮޓޯ: މަޖިލިސް
ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ހަސަން ޒިޔާއު (ޒިޔާ) ކުއްލި ގޮތަކަށް ވަކިކޮށްފި އެވެ.

ޒިޔާއު އެ މަގާމުން ވަކި ކޮށްފައިވާކަން އޭނާ ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދީފަ އެވެ.

މީޑީއާތަކަށް މަޖިލީހުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭނުންކުރާ ވަޓްސްއެޕް ގުރޫޕުގައި ޒިޔާއު މަގާމުން ވަކިކުރިކަން ހާމަކޮށް ލިޔުނު މެސެޖެއްގައި ބުނީ އޭނާގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު، އެ މަގާމުން އޭނާ ވަކި ކޮށްފައި ވަނީ ޕާލަމެންޓަރީ ސާވިސްގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެގޮތުން އޭނާ ވަކި ކޮށްފައި ވަނީ އެ ގަވާއިދުގައި ބަޔާންކުރާ އިޖުރާއަތްތަކާ ދެކޮޅަށް ނޯޓިސް ވެސް ދިނުމަކާ ނުލައި ކަމަށް ޒިޔާއު ބުނެފައިވެ އެވެ.

"ޕާލަމެންޓަރީ ސާވިސް ގަވާއިދާ ހިލާފަށް އެ ގާވާއިދުގައި ބަޔާންކުރާ އިޖުރާއަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަގުސަދުގައި ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހީލާފުވިކަމަށް ބުނެ ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިންގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަޅުގަނޑު ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކެމެވެ." ޒިޔާގެ މެސެޖްގައިވެ އެވެ.

އޭނާ އެ މެސެޖްގައި އިސްވެރިންގެ ގޮތުގައި ހަތަރު ބޭފުޅެއްގެ ނަން ވެސް އާއްމުކުރައްވާފައިވެ އެވެ.

ޒިޔާ ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެއީ، ކޮން ޕްރޮކިއުމެންޓްތަކެއް ކަން ސާފެއް ނުވެ އެވެ.

"ޕަލަމެންޓަރީ ސާވިސް ގަވާއިދާ ހިލާފަށް ރާވައިގެން އަޅުގަނޑު ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނަން،" ޒިޔާ ވިދާޅުވި އެވެ.

ޒިޔާ މަޖިލީހުގެ މީޑިއާ ޑިރެކްޓަރުކަމުގެ މަގާމާ ހަވާލުވީ ޓީވީއެމްގައި 13 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވުމަށް ފަހު، 16 ޖެނުއަރީ 2019ގައެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު