ޒަހާއަށް އިތުބާރުކޮށް ޖާބިރު ސޮއި ނަންގަވައިފި
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް އިދިކޮޅު ކޯލިޝަނުން އިސްވެ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސަޮއި އަނބުރާ ގެނެސްފި އެވެ.

އެކަން ހާމަކޮށް ޖާބިރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއަކުން އެކަން ދަންނަވާފައެވެ. ޖާބިރުގެ ސިޓީގައި ވިދާޅުވެފައިވަނި ޒަހާގެ އިތުބާރު ނެތް މައްސަލާގައި ސޮއިކުރެއްވީ އެކަމަނާއަށް ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާ ނުކުރެއްވުމުގެ ސަބަބުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތަށް ގެއްލުން ލިބި އަދި ވަޒީރަކު މަސްއޫލިއްޔަތު އަދާނުކުރައްވާނަމަ ޒިންމާދާރު ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަކަށްވާތީ ޖަވާބުދާރީ ކުރުވުމުގެ މަތިވެރި ނިޔަތުގައި ކަމަށެވެ.

ނަމަވެސް ރާއްޖޭގެ ކަނޑުގެ ހަޒާނާ ހުޅުވާލުމާއި ދަނޑުވެރިންނަށްވެސް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާތީ މި ވަގުތަށް މިނިސްޓަރު ޒަހާއަށް އިތުބާރުކޮށް އިތުބާރު ނެތް މައްސަލާގައި ކޮށްފައިވާ ސޮއި އަބުރާ ގެނެސްފައިވާ ކަމަށް އެ ސިޓީގައި ވިދާޅުވެފައިއެވެ.

ޖާބިރުގެ ސިޓީގައި ވިދާޅުވީ ރައްޔިތުންގެ ލާބައާއި މަންފާއަށް ސަރުކާރުން ކުރާ ކޮންމެ ކަމެއްގައި ފުރިހަމަަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ޒަހާގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މި މަހުގެ 10 ވަނަ ދުވަހު އެވެ. ސަބަބަކަށް ދެއްކީ، މަސްވެރިންނާއި މަސްވެރިންގެ އާއިލާތަކަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ނުކުރެވުމާއި ދޭންޖެހޭ ހިދުމަތްތައް ވެސް ނުދެވުމެވެ.

މިމަހުގެ ދިހަ ވަނަ ދުވަހު އެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ މަޖިލީހުގައި ހިމެނޭ އިދިކޮޅު ކޯލިޝަންގެ 8 މެމްބަރުންނާއި، މިނިވަން ދެ މެމްބަރެއްގެ ސޮޔާއިއެކު އެވެ. މިނިވަން މެމްބަރުންގެ ތެރެއިން ސޮއިކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުއެވެ.

ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ އަށް ޖަވާބުދާރީވުމަށް އޭނާ އަށް މި މަހުގެ 11 ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން 14 ދުވަހުގެ ނޯޓިސް ފޮނުވައިފަ އެވެ.

ޒަހާއަކީ މައުމޫނު އިސްކޮށް ހުންނަވާ، މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) ގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނަވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު