ވިޔަފާރި
ދިރާގުން ހިއްސާއަކަށް 7.50ރ. ބަހަން ފާސްކޮށްފި
ދިރާގުގެ އަހަރީ އާންމު ޖަލްސާ.
ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 7.5ރ. ބަހަން، މިރޭ ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްފި އެވެ.

ދިރާގުގެ ހިއްސާދާރުން މިގޮތަށް ފާސްކުރީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށް ދިޔަ އެ ކުންފުނީގެ 35 އަހަރީގެ ޖަލްސާގެ ތެރެއިންނެވެ.

މި ޖަލްސާގައި ބައިވެރިވި 335 ހިއްސާދާރުންގެ އަގުލަބިއްޔަތުން ފާސްކުރީ، ޑިރެކްޓަރުންގެ ބޯޑުން ހުށަހެޅި ގޮތަށް، އިންޓެރިމް ޑިވިޑެންޑުގެ ގޮތުގައި ހިއްސާއަކަށް 1.66ރ. މަގުން އަދި ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 5.84ރ. މަގުން ފައިދާ ބަހަންށެވެ. މިއީ ގާތްގަނޑަކަށް 570 މިލިއަން ރުފިޔާގެ ޖުމްލަ ޑިވިޑެންޑެކެވެ.

ދިރާގަށް ވަނީ މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފަ އެވެ. އަދި ކުންފުނީގެ ޖުމްލަ ފައިދާ 896 މިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 10 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

ދިރާގުން އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ހިއްސާގެ ފައިދާ އެ ކުންފުނީގެ އާންމު ހިއްސާދާރުންނަށް ބަހަމުންނެވެ. އެކުންފުނިން މިހާތަނަށް އެންމެ ބޮޑު ފައިދާއެއް ބެހީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 14.37ރ. ބަހާފައިވެ އެވެ.

ދިރާގަކީ ބަހުރެއިންގެ ބަޓެލްކޯއިން މެޖޯރިޓީ ހިއްސާވާ ދިވެހި ސަރުކާރާއި އާންމުން ހިއްސާވާ މުވާސަލާތީ ހިދުމަތްދޭ ކުންފުންޏެކެވެ. މާކެޓު ކެޕްގެ ގޮތުން ރާއްޖޭގައި އޮތް އެންމެ ބޮޑު ކުންފުންޏަކީ ދިރާގެވެ. އެ ކުންފުނީގެ އަގަކީ 13.5 ބިލިއަން ރުފިޔާ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު