ވިޔަފާރި
ދިރާގަށް ފުރަތަމަ ކުއާޓަރުގެ އާމްދަނީއަށް 698.5 މިލިއަން ރުފިޔާ
ދިރާގަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި 698.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދިރާގުގެ މާލީ ބަޔާނުން އެނގޭ ގޮތުގައި އެ ކުންފުނީގެ އާމްދަނީ ވަނީ ގާތްގަނޑަކަށް ދެ ޕަސެންޓު އިތުރުވެފަ އެވެ. އެ ކުންފުންޏަށް 2022 ވަނަ އަހަރު ލިބުނީ 2.5 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ.

ދިރާގުން އާންމު ކުރި މާލީ ހިސާބުތަކުން ދައްކާގޮތުން އެ ކުންފުންޏަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި ލިބިފައިވަނީ 254.9 މިލިއަން ރުފިޔާ އެވެ. ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައި ވަނީ 218.1 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދިރާގުގެ އާމްދަނީ އަކީ 698.5 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ދިރާގަށް ލިބުނު އަދަދަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ދިރާގަށް ލިބުނީ 684.3 މިލިއަން ރުފިޔާ އެވެ.

ދިރާގުން މިއަހަރު ފައްޓާފައި މިވަނީ މިދިޔަ އަހަރަށް ވުރެ އާމްދަނީ ރަނގަޅަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ދިރާގަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއަށް ވުރެވެސް އިތުރު ވެފަ އެވެ. މިދިޔަ އަހަރު ފުރަތަމަ ކުއާޓާގައި ދިރާގަށް ލިބުނީ 653.8 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ފުރަތަމަ ތިން މަހު ދިރާގަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ މޯބައިލް ހިދުމަތްތަކުންނެވެ. މޯބައިލް ހިދުމަތްތަކުން 376.8 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ ކުއާޓާގައި މޮބައިލް ހިދުމަތްތަކުން ދިރާގަށް ލިބުނީ 365 މިލިއަން ރުފިޔާ އެވެ. ދިރާގަށް ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް އިން 300 މިލިއަން ރުފިޔާގެ އާމްދަނީއެއް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ލިބުނު އިރު މިދިޔަ އަހަރުގެ ފަހު ތިން މަހު ދިރާގަށް ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް އިން ލިބުނީ 298 މިލިއަން ރުފިޔާ އެވެ.

ދިރާގުން ބުނީ ވޭތުވެދިޔަ އަހަރުގެ ތެރޭގައި އެ ކުންފުނިން ރާއްޖޭގެ 94 ޕަސެންޓު ގޭބީސީ އަށް ހައި-ސްޕީޑް ފައިބާ-ޓު-ދަ-ހޯމް (އެފްޓީޓީއެޗް)ގެ ހިދުމަތް ފުޅާކޮށްފައިވާ ކަމަށެވެ. އަދި ދިރާގުގެ 5ޖީ ހިދުމަތް އާބާދީގެ 50 ޕަސެންޓަށް ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ. އަދި، ރާއްޖޭގެ ޑޮމެސްޓިކް ސަބްމެރިން ކޭބަލް އަޕްގްރޭޑްކޮށް، އިތުރު ހަތަރު ސެގްމަންޓް ގާއިމްކުރުމުގެ އިތުރުން ސައިބާ ސެކިއުރިޓީ އިންފްރާސްޓަރަކްޗަރު އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައި ހަ ގަރާރެއް ވަނީ ފާސްކޮށްފަ އެވެ. އެ ހަ ގަރާރަކީ:

1.⁠ ⁠2023 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓް ކޮށްފައިވާ މަލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުން.

2.⁠ ⁠2023 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުން.

3.⁠ ⁠ކުންފުނީގެ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޕަބްލިކް ޑިރެކްޓަރު ހޮވުމަށް ފާސްކުރުން.

4.⁠ ⁠ނޮން އެގްޒެކެޓިވް ޑިރެކްޓަރުންގެ ފީ ފާސްކުރުމަށް ގަރާރު ފާސްކުރުން.

5.⁠ ⁠ކުންފުނީގެ 2024 ވަނަ މާލީ އަހަރުގެ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުމަށް ފާސްކުރުން.

6.⁠ ⁠2024 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުން.

ދިރާގުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާއަކަށް 7.5ރ. ބަހަން ވެސް ވަނީ ނިންމައިފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު