ޚަބަރު
ޓައިވާން މައްސަލާގައި ރާއްޖެ އޮތީ ޗައިނާއާއެކު
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނާންސީ ޕެލޯސީ ޓައިވާނަށް ވަޑައިގަތުމުން މަސްރަހު ހޫނުވެފައި ވަނިކޮށް ރާއްޖެއިން "ވަން ޗައިނާ" ޕޮލިސީއަށް ކުރާ ތާއީދުގައި ދެމި އޮތްކަން ހާމަކޮށްފި އެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެކެވެ. އެކަމަކު ޓައިވާނުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ. ޕެލޯސީ ޓައިވާނަށް ދަތުރު ކުރެއްވުމާ ދެކޮޅަށް ޗައިނާއިން ވަރުގަދަ އިންޒާރުތައް ދިނެވެ.

އެހެން ނަމަވެސް ޗައިނާގެ އިއިންޒާރަށް ބެލުމެއް ނެތި ބައިނަލްއަގުވާމީ ގޮތުން ގަބޫލުކޮށްފައި ހުރި އުސޫލުތަކާ ވެސް ހިލާފަށް ޕެލޯސީ ވަނީ ޓައިވާނަށް ވަޑައިގެން ޗައިނާ އަށް ގޮންޖައްސަވައި ބަސް ވިދާޅުވެފަ އެވެ.

ޕެލޯސީ ވިދާޅުވި ގޮތުން ބާރުގަދަ ގައުމުތަކުގެ ވެރިންނަށް ޓައިވާނަށް ވަޑައިގަނެވެން ޖެހޭނެ އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާގެ ސަބަބުން ޓައިވާނަށް ހައިސިއްޔަތު ގެއްލިފައިވާ ކަމަށެވެ. ދުނިޔޭގައި ހަރަކާތްތެރިވުމުގެ އިހްތިޔާރު ޓައިވާނަށް ލިބިފައި ނެތީ ވެސް ޗައިނާގެ ނުފޫޒާ ހެދި ކަމަށް ވެސް ވިދާޅުވި އެވެ.

މި މައްސަލާގައި ރާއްޖޭގެ ސްޓޭންޑާ ބެހޭ ގޮތުން ސުވާލު ކުރުމުން ދިވެހި ހާރިޖިއްޔާއިން ރޭ ބުނީ ރާއްޖެއަކީ "ވަން ޗައިނާ" ޕޮލިސީ ބަލައިގެންފައިވާ ގައުމެއް ކަމަށެވެ. ރާއްޖެ ދެމި އޮންނާނީ އެ ގޮތުގައި ކަމަށެވެ. ޓައިވާންގެ މައްސަލާގައި ދިވެހި ސަރުކާރުން ރަސްމީކޮށް ބަޔާނެއް ނެރުމަށް ހަމަޖެހިފައިނުވާ ކަމަށްވެސް ހާރިޖިއްޔާއިން ބުންޏެވެ.

ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން ވެސް އިއްޔެ ވަނީ އެހެންވެ ދިވެހި ސަރުކާރަށް ޝުކުރު އަދާކުރައްވައި، ޓްވީޓެއް ކުރައްވައިފަ އެވެ. އަދި ކުރިމަގުގައި ވެސް އިތުރު ގޮތްގޮތުން ރާއްޖެއާ ގުޅުންތައް ބަދަހި ކުރާނެ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.


ޗައިނާއިން ހިންގާ "ވަން ޗައިނާ" ސިޔާސަތު ގަބޫލުކުރާ ގައުމުތަކުން ޓައިވާން މައްސަލާގައި ޗައިނާގެ ބުނުމަށް އިހުތިރާމް ކުރެ އެވެ. ހުދު އެމެރިކާ ވެސް ބުނަނީ "ވަން ޗައިނާ" ސިޔާސަތު ގަބޫލުކުރާ ކަމަށެވެ. އެއް ސަބަބަކީ 1971 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު، އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓެއްގައި، ރިޕަބްލިކް އޮފް ޗައިނާ (ތައިވާން)، އދ. އިން ވަކިކުރި އެވެ. އޭގެ ބަދަލުގައި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ (މިހާރުގެ ޗައިނާ) އަށް، އދ.ގެ މެމްބަރުކަން ދިނެވެ. އަދި "ވަން-ޗައިނާ"ގެ އަސާސީ އުސޫލުގެ ދަށުން ދުނިޔޭގެ 181 ގައުމަކުން ޗައިނާއާ އެކު ސިޔާސީ ގުޅުން ގާއިމު ކޮށްފަައިވާކަން ވެސް ޗައިނާ އިން ފާހަގަ ކުރެއެވެ.

ޓައިވާން ވަށާލައި ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އިން ދަނީ ވަރުގަދަ ފަރިތަކުރުން ތަކެއް ހިންގަމުންނެވެ. ޗައިނާ އިން މީގެ ކުރީންވެސް ވަނީ ޓައިވާން ހިފަން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ދެމުންނެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު ހިންގާ އަސްކަރީ ފަރިތަކުރުން ތަކަކީ ޓައިވާން ހިފަން ޖެހިދާނެ ކަމަށް ދޭ އިންޒާރެކެވެ.

ޓައިވާންގެ ވައިގެ ސަރަހައްދުގެ ތެރޭގައި ޗައިނާގެ އަސްކަރީ ފަރިތަކުރުންތައް ފެށުމާއެކު، އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ޖަޕާނުން ފުރައިގެން ތައިވާން ވަނީ ދަތުރު ފަށައިފަ އެވެ. ވައިގެ ތެރެއިން ދަތުރުކުރާ ބެލިސްޓިކް މިސައިލް ދެނެގަތުމަށް ބޭނުންކުރާ މަތިންދާބޯޓު ތައިވާނަށް މި ފޮނުވަނީ، މިއަދުގެ ފަރިތަކުރުންތަކުގައި ޗައިނާ އިން ބެލިސްޓިކް މިސައިލް ބޭނުންކޮށްފާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.

ޓައިވާން ބާރުވެރި ކުރުވުމުގައި އެމެރިކާ ގެންގުޅޭ ވިސްނުމަކީ ދެކުނު ޗައިނާ ކަނޑުގައި، ޗައިނާގެ ހަރަކާތްތައް ކޮންޓްރޯލް ކުރުމެވެ. އަދި ޓައިވާނަށް އަސްކަރީ ގާބިލުކަށް ފޯރިކޮށްދިނުމާ އެކު އެ ސަރަހައްދުގައި އެމެރިކާއަށް އޮތް ފުރުސަތާއި ބާރުވެރިކަން އިތުރުކުރުމަކީ ވެސް އެމެރިކާގެ އެޖެންޑާއެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު