ކުޅިވަރު
ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށް ރެއާލުން 100 ވަނަ ތަށި ހޯދައިފި
ސައުދީ އަރަބިއްޔާގެ އަލް ހިލާލް 5-3 އިން ބަލިކޮށް ރެއާލް މެޑްރިޑުން ފީފާ ކްލަބް ވޯލްޑް ކަޕް ފަސް ވަނަ ފަހަރަށް ކާމިޔާބު ކޮށްފި އެވެ.

ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކްލަބްތަކުގެ ތެރެއިން ވާދަވެރި ފުޓްބޯޅައިގައި 100 ތަށި ހޯދި ފުރަތަމަ ޓީމަކީ ރެއާލް އެވެ. އޭގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގުގެ 14 ތައްޓާއި ސްޕެނިޝް ލީގުގެ 35 ތަށި ވެސް ހިމެނެ އެވެ.

އޭޝިއާގެ ޗެމްޕިއަން ހިލާލް އާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ވިނީޝިއުސް ޖޫނިއާ އާއި ފެޑެރީކޯ ވަލްވާޑޭ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހައިފަ އެވެ.

ފުރަތަމަ 20 މިނެޓް ތެރޭގައި ވިނީޝިއުސް އާއި ވަލްވާޑޭ ލަނޑު ޖަހައި ދެ ލަނޑުގެ ލީޑެއް ނަގައި ދިނެވެ. ސައުދީ އަރަބިއާގެ ކްލަބް، ހިލާލްގެ ފުރަތަމަ ލަނޑު މޫސާ މާރެގާ ޖެހީ މެޗުގެ 26 ވަނަ މިނެޓްގަ އެވެ.

ނަމަވެސް މެޗުގެ 54 ވަނަ މިނެޓްގައި ކަރީމް ބެންޒެމާ ރެއާލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިންއިރު އޭގެ ހަތަރު މިނެޓްފަހުން ރެއާލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ ވަލްވާޑޭ އެވެ. އަދި ރެއާލްގެ ފަހު ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވިނީޝަސް އެވެ. އަލް ހިލާލްގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ލޫސިއާނޯ ވިއޭޓޯ އެވެ. 

މެޗުގައި އަށް ލަނޑު ފެނިފައިވާއިރު، މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީވެސް މެޗުން މޮޅުވި ރެއާލް މެޑްރިޑެވެ. މެޗުގައި ރެއާލުން ހިލާލްގެ ގޯލަށް ޖުމްލަ 28 ޝޮޓް ނެގިއިރު، ގޯލަށް އަމާޒުކޮށް ވަނީ 11 ހަމަލާ ފޮނުވާލާފައެވެ.

މިފަހަރުގެ ފީފާ ކްލަބް ވޯލްޑްކަޕް ރެއާލް ކާމިޔާބުކުރުމާއެކު އެޓީމުން ވަނީ މިހާތަނަށް މި މުބާރާތް ފަސް ފަހަރަށް ކާމިޔާބުކޮށް، މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ޓީމުގެ ރެކޯޑު އާކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އަންޗެލޮއްޓީ ބުނީ މުބާރާތް ކާމިޔާބުކުރެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި، މެޗުގައި އޭނާގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ކަމަށެވެ. ޚާއްސަ ގޮތެއްގައި ބެންޒީމާ، ވިނީޝިއުސް އަދި ވަލްވޭޑޭގެ ކުޅުން އަންޗެލޮއްޓީ ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު