ކުޅިވަރު
ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެންޒެމާއަށް
ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ކަރީމް ބެންޒެމާ
ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ، ޔުއެފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާ ހޯދައިފި އެވެ.

މިއީ ބެންޒެމާ އަށް މި އެވޯޑް ހޯދި ފުރަތަމަ ފަހަރެވެ. އެވޯޑް ހަވާލު ކުރީ މިރޭ ތުރުކީގެ އިސްތަންބޫލުގައި ބޭއްވި ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ގުރުއަތުލުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި ހަފްލާގަ އެވެ.

މިދިޔަ ސީޒަނުގައި ރެއާލްއިން 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު ބެންޒެމާ ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި 15 ގޯލުޖަހައި ފަސް ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފައެވެ.

ބެންޒެމާ ޔޫއެފާގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމު ހޯދީ މެންޗެސްޓާ ސިޓީގެ ކެވިން ޑި ބްރޭނާއާއި، ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަދަކޮށެވެ.

ޔޫރަޕުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ހޯދީ ބާސެލޯނާ އާއި ސްޕެއިން ގައުމީ ޓީމުގެ ވެސް ކެޕްޓަން އަލެކްސިއާ ޕުޓޭލާސް އެވެ. މިދިޔަ ސީޒަންގެ އެވޯޑާ ވެސް އެކު މިއީ އޭނާ މި އެވޯޑް ހޯދި ދެ ވަނަ ފަހަރެވެ. އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ، އިންގްލެންޑް ގައުމީ ޓީމާ އެކު ޖެހިޖެހިގެން 20 މެޗުން ބަލިނުވެ، 100 އަށް ވުރެ ގިނަ ގޯލު ޖަހަން އިރުޝާދު ދީގެން އެ ޓީމަށް ފުރަތަމަ ފަހަރަށް ޔޫރޯ މުބާރާތް ކާމިޔާބު ކޮށްދިން ނެދަލެންޑްސްގެ ސަރީނާ ވެއިމަން އެވެ.

މީގެއިތުރުން ޔުއެފާގެ އެންމެ މޮޅު ފިރިހެން ކޯޗަކަށް ރެއާލްގެ ކާލޯ އެންޗޮލޮޓީ ހޮވިފައިވާއިރު، އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވިފައި ވަނީ އިންގްލޭންޑް ގައުމީ ޓީމުގެ ކޯޗު ސެރީނާއެވެ.

އަންޗެލޮޓީ ޔޫރަޕުގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދީ، މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އާ ވާދަކޮށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު